ލޯކަލް ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވުމަށްޓަކައި އިންތިޚާބުކުރާ ބައެއް ކަމަށް ދެކޭ ދެކުމަކީ އަސާސީ ގޮތުން އޮތް ވަރަށް ބޮޑު ކުށްހީއެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. ރައީސް މިހެން ވިދާޅުވީ ބުރާސްފަތި ދުވަހުގެ ރޭ ޕީޕަލްސް ނޭޝަނަލް ކޮންގްރެސް (ޕީއެންސީ) ގެ އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސްގެ ވާހަކަފުޅުގައި ދައުލަތުގެ ތިން ބާރު ވަކިވެފައިވާކަން ފާހަގަކުރައްވައި، ލޯކަލް ކައުންސިލްތަކަކީ ދައުލަތް ހިންގުމުގެ ބާރު ނުވަތަ އެގްޒެކެޓިވް ބްރާންޗުގެ ތެރޭގައި ހިމެނޭ ބައެއްކަން ތަކުރާރުކޮށް ވިދާޅުވިއެވެ. އަދި ސަރުކާރަށް ފާރަވެރިވުމުގެ ނިޔަތުގައި ކައުންސިލްތައް އިންތިޚާބު ކުރުމަކީ ރަށްރަށާއި ސިޓީތަކުގެ ހިންގުން ސިޔާސީ މައިދާނަކަށް ބަދަލުވެ، އަސާސީ ޚިދުމަތްތަކާއި ތަރައްޤީގެ މަޝްރޫޢުތަކަށް ދޭންޖެހޭ ސަމާލުކަން ކުޑަވެގެންދާނެ ކަމެއް ކަމަށް އެމަނިކުފާނު އިންޒާރު ދެއްވިއެވެ.
ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބަށް އަލިއަޅުއްވާލައްވަމުން ރައީސް ވިދާޅުވީ، ސަރުކާރުން ރާވާފައިވާ އަދި ބަޖެޓުކޮށްފައިވާ ތަރައްޤީގެ މަޝްރޫޢުތައް އެންމެ ފުރިހަމައަށް ތަންފީޒު ކުރެވޭނީ ހުރިހާ ފަންތިއެއްގެ އިންތިޚާބީ މަންދޫބުންގެ އެއްބާރުލުން ލިބިގެން ކަމަށެވެ. ބައެއް ކައުންސިލްތަކުން ތަރައްޤީގެ މަސައްކަތްތަކަށް ހުރަސްއަޅައި، އިޖުތިމާޢީ މައްސަލަތައް ޙައްލުކުރުން ލަސްކުރުމަކީ ޤައުމީ ކުރިއެރުމަށް އޮތް ހުރަހެއްކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ.
"ކުރިއަށް އޮތް އިންތިޚާބަކީ ސިޔާސީ ފިކުރުގެ ހުރަސްތަކުން އެއްކިބާވެފައިވާ ކައުންސިލް މެންބަރުން އިންތިޚާބު ކުރުމަށް ރައްޔިތުންނަށް ލިބޭ ފުރުޞަތެއް،" ރައީސް ވިދާޅުވިއެވެ. މީގެ އިތުރުން އެމަނިކުފާނުގެ ސަރުކާރުން އަބަދުވެސް މަސައްކަތް ކުރާނީ ރައްޔިތުންނާ ގާތުން، ރައްޔިތުންގެ ލާބަޔާއި މަންފާއަށް އިސްކަންދީގެން ކަމަށާއި، ޤައުމީ މަޞްލަޙަތު ހުރިހާ ކަމަކަށްވުރެ ކުރިއަށް ނެރުއްވާނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވިއެވެ.


