އާންމު ރައްޔިތުންނަށް ފަސޭހަކަމާއެކު ޒަކާތް ދެއްކޭނެ މަގުތައް އިތުރަށް ތަނަވަސްކުރުމުގެ ގޮތުން، އަވަސް އެންޓަޕްރައިސަސްގެ ޑިޖިޓަލް ވަސީލަތްތައް މެދުވެރިކޮށް ފިޠުރު ޒަކާތް ބަލައިގަތުމަށް މޯލްޑިވްސް ޒަކާތު ހައުސްއާއެކު އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފިއެވެ.
2026 ޖެނުއަރީ 8 ވަނަ ދުވަހު މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒްގައި ބޭއްވި ރަސްމިއްޔާތެއްގައި ޒަކާތު ހައުސްގެ ފަރާތުން ސޮއިކުރެއްވީ ފަންޑު މެނޭޖަރު ޢަބްދުﷲ ޢަލީއެވެ. އަވަސް އެންޓަޕްރައިސަސްގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު މުޙައްމަދު ޔާނިއު ރަމީޒެވެ.
މި އެއްބަސްވުމުގެ ދަށުން، މިއަހަރުގެ ރަމަޟާން މަހުން ފެށިގެން އަވަސް އެންޓަޕްރައިސަސްގެ އޮންލައިން ޕްލެޓްފޯމްތައް މެދުވެރިކޮށް ރާއްޖޭގެ ކޮންމެ ސަރަހައްދެއްގައި ހުރެގެންވެސް ޒަކާތް ދެއްކޭނެއެވެ. މިއީ ޒަކާތް ދެއްކުމުގެ ނިޒާމު ޑިޖިޓަލްކޮށް ފުޅާކުރުމަށް އެޅުނު މުހިންމު ފިޔަވަޅެކެވެ.
ފާހަގަކޮށްލެވޭ ގޮތުގައި، މި ޕްލެޓްފޯމް މެދުވެރިކޮށް ޒަކާތް ދައްކާއިރު އާންމުންގެ އަތުން އެއްވެސް އިތުރު ފީއެއް ނުނަގާނެކަމާއި އަދި ޒަކާތު ހައުސްއަށް ފައިސާ ބަދަލުކުރުމުގައިވެސް އެއްވެސް ޚަރަދެއް ނުހިނގާނެތީ، ޒަކާތުގެ ގޮތުގައި ދައްކާ ފައިސާ އޭގެ ބެހެނިވެރިންނަށް އުނިކަމެއް ނެތި ލިބޭނެކަން ކަށަވަރުވެގެންދާނެކަން ޒަކާތު ހައުސްއިން ވަނީ ހާމަކޮށްފައެވެ.
ޒަކާތު ހައުސްގެ އަމާޒަކީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ޒަކާތުގެ ޚިދުމަތްތައް އަވަސް، ދެފުށް ފެންނަ އަދި އިތުބާރު ހުރި ނިޒާމަކަށް ބަދަލުކޮށް އާންމުންނަށް ލުއިފަސޭހަ ޚިދުމަތްތަކެއް ފޯރުކޮށްދިނުންކަން ވެސް ޒަކާތު ހައުސްއިން ވަނީ ބުނެފައެވެ.


