ދައުލަތުގެ ވަޒީފާތަކުގައި ތިއްބަވާ މުވައްޒަފުންނަށް އުމުރުން 75 އަހަރުވަންދެން ވަޒީފާގައި ދެމިތިބެވޭ ގޮތަށް ފަރުމާކޮށްފައިވާ "ވަޒީފާއިން ވަކިވުމަށްފަހު އަލުން ވަޒީފާއަށް ނުކުތުމުގެ ބިލު" ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފިއެވެ. މިއީ ރިޔާސީ އިންތިޚާބުގެ ކެމްޕޭން ތެރޭގައި ރައީސް މުއިއްޒު ވެވަޑައިގެންފައިވާ މުހިންމު ވައުދެކެވެ.
މި ބިލަކީ 5 ޖެނުއަރީ 2026 ވީ ހޯމަ ދުވަހު، ރައްޔިތުންގެ މަޖިލީހުގެ ދައުރުން ބޭރުން ބޭއްވި ޚާއްސަ ޖަލްސާއެއްގައި ފާސްކޮށްފައިވާ ބިލެކެވެ. މި ގާނޫނުގެ ދަށުން، މިހާރު ރިޓަޔަރމަންޓް އުމުރުގެ ގޮތުގައި ކަނޑައަޅާފައިވާ 65 އަހަރު ފުރުމަށްފަހުވެސް، ދައުލަތުގެ މުވައްޒަފުންނަށް އަލުން ވަޒީފާއަށް ނުކުތުމަށް ބޭނުންވާ ގާނޫނީ އޮނިގަނޑާއި، ޝަރުތުތަކާއި އިޖުރާއަތްތައް ވަނީ ކަނޑައަޅާފައެވެ.
މި ގާނޫނު ހިނގާނީ މިހާރު ދައުލަތުގެ ވަޒީފާތަކުގައި ތިބި މީހުންނާއި، ކުރިން ދައުލަތުގެ ވަޒީފާ އަދާކޮށްފައިވާ މީހުންގެ މައްޗަށެވެ. ނަމަވެސް، ސިފައިންނާއި ފުލުހުން، ފަނޑިޔާރުން، އަދި ގާނޫނުއަސާސީ ނުވަތަ ވަކި ގާނޫނެއްގެ ދަށުން އައްޔަނުކުރާ މަގާމުތަކުގައި ތިއްބަވާ ބޭފުޅުން މި ގާނޫނުން އިސްތިސްނާވާނެއެވެ.
މި ބިލުގައިވާ ގޮތުން ދައުލަތުގެ މުވައްޒަފުންނަށް އެންމެ ދިގުވެގެން ވަޒީފާގައި ދެމިތިބެވޭނީ 75 އަހަރު ފުރެންދެނެވެ. މީގެ އިތުރުން، މި ގާނޫނަށް އަމަލުކުރަން ފަށާއިރު، އުމުރުން 65 އަހަރުވެގެން ވަޒީފާއިން ރިޓަޔަރ ކުރަން ޖެހުނުތާ ހަތް އަހަރު ނުވާ ފަރާތްތަކަށްވެސް އަލުން ވަޒީފާއަށް ނުކުތުމުގެ ފުރުސަތު މި ގާނޫނުގެ ދަށުން ލިބިގެންދާނެއެވެ.
ވަޒީފާއިން ވަކިވުމަށްފަހު އަލުން ވަޒީފާއަށް ނުކުތުމުގެ ގާނޫނަށް އަމަލުކުރަން ފަށާނީ، މި ގާނޫނު ތަސްދީގުކޮށް ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ދުވަހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީޚުން ފެށިގެންނެވެ.


