Thursday, 29 October 2026
އިލެކްޝަންސް ކޮމިޝަން

އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 295,000 އާ ގާތްކުރާ އަދަދެއްގެ މީހުންނަށް ލިބިއްޖެ

އަންނަ އޭޕްރީލް މަހުގެ 4 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލޯކަލް ކައުންސިލް އިންތިޚާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ (ޑަބްލިއުޑީސީ) ތަކުގެ އިންތިޚާބުގައި ވޯޓުލުމުގެ ހައްގު 294,937 މީހުންނަށް ލިބިފައިވާ ކަމަށް އިލެކްޝަންސް ކޮމިޝަނުން (އީސީ) ހާމަކޮށްފިއެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ވޯޓުލާ މީހުންގެ ލިސްޓުގައިވާ ގޮތުން، މި އިންތިޚާބުގައި ވޯޓުލުމުގެ ހައްގު ލިބިގެންވަނީ 150,410 ފިރިހެނުންނަށާއި 144,527 އަންހެނުންނަށެވެ. މި ލިސްޓު މިހާރު އީސީގެ ވެބްސައިޓުންނާއި، ސަރުކާރުގެ ގެޒެޓުން އަދި ރަށު ކައުންސިލްތަކުގެ އިދާރާތަކުން ބެލޭނެ އިންތިޒާމު ވަނީ ހަމަޖައްސާފައެވެ. މީގެ އިތުރުން އެސްއެމްއެސް މެދުވެރިކޮށް ވޯޓުލާ މަރުކަޒުގެ މައުލޫމާތު ހޯދޭނެ ކަމަށްވެސް އެ ކޮމިޝަނުން ބުނެއެވެ.

ވޯޓުލާ މީހުންގެ ލިސްޓަށް ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ޖެނުއަރީ 18 ވަނަ ދުވަހުގެ މެންދުރުފަހު 3:00 އާ ހަމައަށް ވަނީ ހުޅުވާލާފައެވެ. ސިޔާސީ ޕާޓީތަކަށް ޝަކުވާ ހުށަހެޅޭނީ 'ސިމޭދަ' ޕޯޓަލް މެދުވެރިކޮށް ކަމަށް އިލެކްޝަންސް ކޮމިޝަނުން މައުލޫމާތު ދެއެވެ.

މި އިންތިޚާބުގައި ލޯކަލް ކައުންސިލްތަކަށް 626 ކައުންސިލަރުން އަދި ސިޓީ ކައުންސިލްތަކަށް 52 ކައުންސިލަރުން އިންތިޚާބު ކުރުމަށް ވަނީ ހަމަޖެހިފައެވެ. އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތަކަށްވެސް އިންތިޚާބު ކުރާނީ ކައުންސިލްތަކާ އެއް އަދަދެއްގެ މެންބަރުންނެވެ. އެގޮތުން ބައެއް ރަށްރަށުގައި 3 މެންބަރުން އަދި އަނެއްބައި ރަށްރަށުގައި 5 މެންބަރުން އިންތިޚާބު ކުރާނެއެވެ.

ސިޓީ ކައުންސިލްތަކަށް މެންބަރުން އިންތިޚާބު ކުރާ އަދަދު ސިޓީތަކުގެ އާބާދީއަށް ބަލައި ތަފާތުވެއެވެ. ކުޅުދުއްފުށި ސިޓީ އަދި ތިނަދޫ ސިޓީން ކޮންމެ ސިޓީއަކަށް 7 ކައުންސިލަރުން އިންތިޚާބު ކުރާއިރު، ފުވައްމުލަކު ސިޓީއަށް 9 ކައުންސިލަރުން އަދި އައްޑޫ ސިޓީއަށް 11 ކައުންސިލަރުން އިންތިޚާބު ކުރާނެއެވެ. އެންމެ ގިނަ ކައުންސިލަރުން އިންތިޚާބު ކުރާނީ މާލެ ސިޓީއަށެވެ. އެއީ 18 ކައުންސިލަރުންނެވެ.

އިލެކްޝަންސް ކޮމިޝަނުން އިތުރަށް ހާމަކޮށްފައިވާ ގޮތުގައި، ހދ. ހިރިމަރަދޫގެ ރައްޔިތުން މި އިންތިޚާބުގައި ވޯޓުލާނީ ހަނިމާދޫ ދާއިރާއަށެވެ. މިއީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިންމަވާފައިވާ ގޮތަށް ހިރިމަރަދޫ ރައްޔިތުން ހަނިމާދޫއަށް ބަދަލުވުމާ ގުޅިގެން ނިންމި ނިންމުމެކެވެ. އެހެންކަމުން ހިރިމަރަދޫގެ 588 ރައްޔިތުން ދެން ބެލެވޭނީ ހަނިމާދޫގެ ރައްޔިތުންގެ ގޮތުގައެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *