މާލެ ސަރަހައްދުގެ ވައި ނުސާފުވެ، ވައިގެ ފެންވަރު ދަށްވެ އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަކަށް ހުރުމުން އާންމުން ސަމާލުވުމަށް އެދިއްޖެއެވެ. ވައިގެ ފެންވަރު ބަލާ މިންގަނޑުތަކުން ދައްކާގޮތުގައި މިއަދު މާލެ ސަރަހައްދުގެ އެއާ ކޮލިޓީ އިންޑެކްސް އޭކިއުއައި ހުރީ ސިއްހީ ގޮތުން ނުރައްކާތެރި ދަރަޖައެއްގައެވެ.
ދިވެހިރާއްޖޭގެ ގައުމީ ޔުނިވަރސިޓީގެ ސެންޓަރ ފޯ މެރިޓައިމް ސްޓަޑީޒްގައި ހަރުކޮށްފައިވާ ސިސްޓަމުން ދައްކާގޮތުގައި ވިލިމާލޭގެ އޭކިއުއައި ވަނީ 179 އަށް އަރާފައެވެ. މިއީ ރަތް އެލާޓްގެ ދަރަޖައެކެވެ. މީގެ އިތުރުން މާލޭގައި ހަރުކޮށްފައިވާ އަމިއްލަ ސިސްޓަމަކުން ދައްކާގޮތުގައި މާލޭގެ އޭކިއުއައި ހުރީ 139 ގައެވެ. މިއީ އޮރެންޖް އެލާޓްގެ ދަރަޖައެކެވެ.
ވައިގެ ފެންވަރު ބަލާ މިންގަނޑުތަކަށް ބަލާއިރު، އޭކިއުއައި 151 އާއި 200 އާ ދެމެދުގައި ހުރުމަކީ އެންމެންނަށްވެސް ސިއްހީ ގޮތުން ނުރައްކާ އޮތް ކަމެކެވެ. އަދި 101 އާއި 150 އާ ދެމެދުގައި ހުރުމަކީ ކުޑަކުދިންނާއި، އުމުރުން ދުވަސްވީ މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތައް ހުންނަ މީހުން ފަދަ ހައި-ރިސްކް މީހުންނަށް ނުރައްކާތެރި ހާލަތެކެވެ.
އައިކިއު އެއާ އައިކިޔު އެއާ އިން ހާމަކޮށްފައިވާ ގޮތުގައި ވިލިމާލޭގައި ވައިގެ ތެރޭގައި ހުރި ކުދި ޕާޓިކިއުލޭޓް މެޓަރ 2.5 ގެ މިންވަރު ހުރީ ކިއުބިކް މީޓަރަކަށް 95 މައިކްރޯގްރާމްގައެވެ. މިއީ ދުނިޔޭގެ ސިއްހަތު ޖަމްއިއްޔާ ޑަބްލިޔުއެޗްއޯ އިން ކަނޑައަޅާފައިވާ މިންގަނޑަށްވުރެ 19 ގުނަ އިތުރު އަދަދެކެވެ.
ވައި ނުސާފުވުމުގެ ސަބަބުން ކުރިމަތިވެދާނެ ސިއްހީ މައްސަލަތަކުން ރައްކާތެރިވުމަށްޓަކައި ބޭރުގައި އުޅޭ ވަގުތު މަދުކުރުމަށާއި، ބޭރަށް ނުކުންނައިރު މާސްކު އެޅުމަށް ވަނީ އިރުޝާދު ދީފައެވެ. އަދި ގޭގެ ދޮރުތައް ލައްޕާފައި ބެހެއްޓުމަށާއި، ގޭތެރޭގައި އެއާ ޕިއުރިފައިޔާ ބޭނުންކުރުމަށްވެސް ލަފާދީފައިވެއެވެ.
ރާއްޖެއަށް މި ދުވަސްވަރު ކުރިމަތިވަމުންދާ މި މައްސަލައަކީ އިރުވައި މޫސުމާ ދިމާކޮށް އަވަށްޓެރި ގައުމުތަކުން، ހާއްސަކޮށް އުތުރު އިންޑިއާ ސަރަހައްދުން ވައިގެ ތެރެއަށް ދޫކުރާ ދުމާއި ހިރަފުސް ރާއްޖެއާ ހަމައަށް ފޯރުމުގެ ސަބަބުން ދިމާވާ ކަމެކެވެ. މިއަހަރުގެ އިރުވައި މޫސުން ޑިސެމްބަރު 17 ގައި ފެށިފައިވާއިރު، މިއީ ފާއިތުވި ފަސް އަހަރު ތެރޭގައި މި މޫސުން އެންމެ އަވަހަށް ފެށުނު އަހަރެވެ.


