Tuesday, 28 July 2026
ސިވިލް ސަރވިސް ބިލްޑިންގް - އިކޮނޮ މޯލްޑިވްސް

ޚާއްޞަ ބަލިޗުއްޓީއަށް އެދޭ ފޯމު ސީދާ ސީއެސްސީއަށް ހުށަހެޅުމަށް އަންގައިފި

ސިވިލް ސާވިސްގެ މުވައްޒަފުން ޚާއްޞަ ބަލިޗުއްޓީއަށް އެދި ހުށަހަޅާ ފޯމުތައް، އެ މުވައްޒަފަކު މަސައްކަތްކުރާ އިދާރާގެ ބަދަލުގައި ސީދާ ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ) އަށް ހުށަހެޅުމަށް އެ ކޮމިޝަނުން މިއަދު އަންގައިފިއެވެ. މި ބަދަލު ގެނައުމަށް ނިންމީ ބަލިޗުއްޓީއަށް އެދި ހުށަހެޅުމުން ގޮތެއް ނިންމުން ލަސްވާކަމުގެ ޝަކުވާތައް ލިބެމުންދާތީއެވެ.

ޚާއްޞަ ބަލިޗުއްޓީއަކީ ސިވިލް ސާވިސް ކޮމިޝަނުން ހުއްދަ ދީގެން ނޫނީ ދޫކުރެވޭ ޗުއްޓީއެއް ނޫނެވެ. މިހާތަނަށް އަމަލުކުރަމުން އައި އުސޫލަކީ މުވައްޒަފު މަސައްކަތްކުރާ އޮފީހަށް ފޯމު ހުށަހެޅުމުން، އެ އޮފީހަކުން ސީއެސްސީއަށް ފޮނުވައިގެން ހުއްދަ ހޯދުމެވެ. ނަމަވެސް މިކަމުގެ ސަބަބުން މުވައްޒަފަށް ޖަވާބެއް ލިބުން ލަސްވާކަން ކޮމިޝަނުން ވަނީ ފާހަގަކޮށްފައެވެ.

ސީއެސްސީން ބުނީ މި މައްސަލައަށް ހައްލެއް ހޯދުމުގެ ގޮތުން، މީގެ ފަހުން ޚާއްޞަ ބަލިޗުއްޓީއަށް އެދޭ މުވައްޒަފުން ސީދާ ކޮމިޝަނަށް ފޯމު ހުށަހަޅަންޖެހޭނެ ކަމަށެވެ. އަދި ފޯމު ހުށަހަޅާއިރު މުވައްޒަފު މަސައްކަތްކުރާ އިދާރާ ކޮޕީގައި ބޭއްވުމަށް ވެސް ވަނީ އިރުޝާދު ދީފައެވެ. މިގޮތަށް ހުށަހަޅަންވާނީ ޗުއްޓީ ފެށުމުގެ މަދުވެގެން 15 ދުވަސް ކުރިންނެވެ.

ޚާއްޞަ ބަލިޗުއްޓީގެ ގޮތުގައި މުސާރަ ލިބޭ ގޮތަށް އަހަރަކު 60 ދުވަސް ސިވިލް ސާވަންޓުންނަށް ލިބެއެވެ. މިއީ އާންމުކޮށް ލިބޭ 30 ދުވަހުގެ ބަލިޗުއްޓީގެ އިތުރުން ދެވޭ ޗުއްޓީއެކެވެ. މި ޗުއްޓީ ދޫކުރަނީ ދިގު މުއްދަތަކަށް ފަރުވާކުރަންޖެހޭ ބައްޔެއް ނުވަތަ ދާއިމީ ބައްޔަކަށް ފަރުވާކުރުމަށާއި، ގުނަވަނެއް ނުވަތަ ބޯންމެރޯ ހަދިޔާކުރުމަށެވެ.

މީގެ އިތުރުން، މުވައްޒަފު ބަލަދުއަރާ ސީދާ އާއިލީ މީހަކަށް މިފަދަ ހާލަތެއް މެދުވެރިވެގެން އެހީތެރިވުމަށް ވެސް މި ޗުއްޓީ ލިބޭނެ ކަމަށް ސިވިލް ސާވިސްގެ ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *