ރަސްމާލެ މަޝްރޫޢުގެ ދަށުން ސައިޓް އޭ އިން ހިއްކުމަށް ކަނޑައަޅާފައިވާ 138 ހެކްޓަރުގެ ތެރެއިން މިހާތަނަށް 64 ހެކްޓަރުގެ ބިން ހިއްކައި ނިންމާލައިފިއެވެ. މިއާއެކު އެ ސައިޓުގެ ބިން ހިއްކުމުގެ މަސައްކަތުގެ ގާތްގަނޑަކަށް 47 އިންސައްތަ މިހާރު ވަނީ ފުރިހަމަކުރެވިފައެވެ.
ސައިޓް އޭގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށްދަނީ ދުނިޔޭގައި އޮތް އެންމެ ބޮޑު ދެ ކޮންނަ ބޯޓުގެ ތެރޭގައި ހިމެނޭ "ކްރިސްޓޯބަލް ކޮލޮން" ބޭނުންކޮށްގެންނެވެ. ޖެން ޑެ ނަލް ކުންފުނިން އޮޕަރޭޓްކުރާ މި ބޯޓަކީ 46,000 ކިއުބިކް މީޓަރުގެ ކެޕޭސިޓީ ހުރި، ޓްރެއިލާ ސަކްޝަން ހޮޕަރ ޑްރެޖަރެކެވެ.
މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން ރަސްމަލެ ސައިޓް އޭ ހިއްކުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ 1 ޑިސެމްބަރު 2025 ގައެވެ. މި މަޝްރޫޢަކީ ރާއްޖޭގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ އެންމެ ބޮޑު އެއް މަޝްރޫޢެވެ.


