އއ. އަތޮޅުގެ ރަށްރަށުގައި ގަވާއިދާ ހިލާފަށް އުޅޭ ބިދޭސީންގެ މައްސަލަ ހައްލުކުރުމަށްޓަކައި، އެ ސަރަހައްދުގައި ދިރިއުޅޭ ބިދޭސީންގެ މައުލޫމާތު އެއްކޮށް ދަފްތަރެއް އެކުލަވާލުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.
މި މަސައްކަތް ކުރިއަށް ގެންދަނީ އުކުޅަހު ޕޮލިސް ޕޯސްޓުން އިސްނަގައިގެން، އެ ރަށު ކައުންސިލުގެ އެހީތެރިކަމާ އެކުގައެވެ. މި ހަރަކާތުގެ ތެރެއިން ރަށުގެ ގޭބިސީތަކުގައި ދިރިއުޅޭ ބިދޭސީންނާއި، ގެސްޓްހައުސްތަކުގައި މަސައްކަތް ކުރާ ބިދޭސީންގެ އިތުރުން ކޮންސްޓްރަކްޝަން ސައިޓުތަކުގައި މަސައްކަތްކުރާ ބިދޭސީންގެ މައުލޫމާތު އެއްކުރުމުގެ މަސައްކަތް ކުރިއަށްދާނެއެވެ.
މި މަސައްކަތުގެ ތެރެއިން މިއަދު ވަނީ ރަށުގެ ގެސްޓްހައުސްތަކަށް ޒިޔާރަތްކޮށް، އެ ތަންތަނުގެ ސަލާމަތީ ކަންކަން ހުރިގޮތް ބަލައި ފާސްކޮށްފައެވެ. މިގޮތުން ގެސްޓްހައުސްތަކުގައި ހަރުކޮށްފައިވާ ސެކިއުރިޓީ ކެމެރާ ސިސްޓަމްތަކުގެ ހާލަތު ދެނެގަތުމާއި، އަލިފާން ނިއްވުމަށް ބޭނުންކުރާ ސާމާނު ރަނގަޅަށް ހުރިތޯ ވަނީ ބަލާފައެވެ.
މީގެ އިތުރުން، ގެސްޓްހައުސްތަކުގެ ސަލާމަތީ ކަންކަމުގެ ތެރެއިން އިތުރަށް ރަނގަޅުކުރަންޖެހޭ ކަމަށް ފާހަގަކުރެވުނު ކަންކަން ރަނގަޅުކުރުމަށް ކަމާބެހޭ ފަރާތްތަކަށް ވަނީ އިރުޝާދުދީފައެވެ. މި ހަރަކާތަކީ އަތޮޅުގެ ރަށްރަށުގެ އަމާންކަން ބެލެހެއްޓުމަށާއި ބިދޭސީންގެ މައްސަލަތައް ނިޒާމީ ގޮތެއްގައި ހައްލުކުރުމަށް ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.


