ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) ގެ ރައީސްގެ މަގާމަށް ޑރ. އައިޝަތު ރަމީލާ އައްޔަންކުރުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މި މަގާމަށް ޑރ. ރަމީލާގެ ނަން ހުށަހެޅުއްވުމާ ގުޅިގެން، މަޖިލީހުގެ ހިއުމަން ރައިޓްސް އެންޑް ޖެންޑާ ކޮމިޓީން އެ ނަން ދިރާސާކޮށް ބަލައިގަނެފައިވަނީ މި މަހުގެ 5 ވަނަ ދުވަހުއެވެ. މިއަދު ބޭއްވި މަޖިލީހުގެ ހާއްސަ ޖަލްސާގައި މި ނަން ފާސްކޮށްފައިވަނީ ވޯޓުގައި ބައިވެރިވެވަޑައިގެންނެވި 38 މެންބަރުންގެ އިއްތިފާގުންނެވެ.
ޑރ. އައިޝަތު ރަމީލާ އެޗްއާރުސީއެމްގެ މެންބަރުކަމަށް އައްޔަންކުރުމަށް މަޖިލީހުން ރުހުން ދީފައިވަނީ 2025 އޮކްޓޫބަރު 29 ގައެވެ. އަދި އެކަމަނާ ކޮމިޝަނަރުގެ މަގާމަށް ރަސްމީކޮށް އައްޔަންކުރެއްވީ މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.
އެޗްއާރުސީއެމްގެ ރައީސްގެ މަގާމު ހުސްވީ ކުރިން އެ މަގާމުގައި ހުންނެވި މަރިޔަމް މުނާގެ ދައުރު ހަމަވުމާ ގުޅިގެންނެވެ. ޑރ. ރަމީލާ އަކީ މި ސަރުކާރުގެ ފުރަތަމަ އެގްރިކަލްޗާ އެންޑް އެނިމަލް ވެލްފެއާ މިނިސްޓަރުކަން ވެސް ކުރެއްވި ބޭފުޅެކެވެ. ނަމަވެސް ސިއްހީ ސަބަބުތަކަށްޓަކައި 2024 ޑިސެމްބަރު މަހު އެކަމަނާ ވަނީ ވަޒީރުކަމުން އިސްތިއުފާ ދެއްވާފައެވެ.
ފަސް މެންބަރުންގެ މައްޗަށް އެކުލެވޭ އެޗްއާރުސީއެމްގައި މިހާރު ތިއްބަވަނީ ކޮމިޝަނުގެ ނައިބު ރައީސް މުހައްމަދު ޝަފީގު މަހުމޫދާއި، މެންބަރު ސަމާއު އަހުމަދު ނަޖީބާއި، އިސްމާއީލް ހަބީބު އަބްދުއްރަހުމާނާއި، އަހުމަދު މަގްސޫމްގެ އިތުރުން ޑރ. އައިޝަތު ރަމީލާއެވެ.


