ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ ކުށް ސާބިތުވެ މިހާރުވެސް ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރަމުންދާ ފުޓްބޯޅަ އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް) ގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލްގެ މައްޗަށް، ކޮރަޕްޝަނާއި މަނީ ލޯންޑަރިންގެ އިތުރު ދައުވާތަކެއް ސާބިތުވެ 23 އަހަރުގެ ޖަލު ހުކުމެއް ކްރިމިނަލް ކޯޓުން އިއްޔެ އިއްވައިފިއެވެ.
ބައްސާމްގެ މައްޗަށް މި ހުކުމް އިއްވާފައިވަނީ ފީފާއިން އެފްއޭއެމްއަށް ދޫކުރި 1.2 މިލިއަން އެމެރިކާ ޑޮލަރު (18 މިލިއަނަށްވުރެ ގިނަ ރުފިޔާ) އަށް ހިޔާނާތްތެރިވެ، އެ ފައިސާ ނަހަމަ ގޮތުގައި ބޭނުންކުރިކަން ސާބިތުވުމާ ގުޅިގެންނެވެ. ދައުލަތުން ބުނާ ގޮތުގައި މި ފައިސާއަކީ ކޮވިޑް-19 އިގެ ބަލިމަޑުކަމާ ގުޅިގެން މާލީ ދަތިތަކާ ކުރިމަތިލާންޖެހުނު ކްލަބްތަކަށް އެހީވުމަށް "ކޮވިޑް-19 ރިލީފް ލޯނު" ގެ ގޮތުގައި ފީފާއިން ދިން ފައިސާއެވެ. ނަމަވެސް ބައްސާމް ވަނީ މި ފައިސާ ބޭނުންކޮށްގެން އަމީން ކޮންސްޓްރަކްޝަނުން ދެ ޕެންޓްހައުސް ގަނެފައެވެ.
ކްރިމިނަލް ކޯޓުން ބައްސާމަށް އިއްވި 23 އަހަރުގެ ހުކުމުގެ ތަފްސީލަށް ބަލާއިރު، މަނީ ލޯންޑަރިންގެ ކުށުގައި 15 އަހަރުގެ ޖަލު ހުކުމެއް އަދި ކޮރަޕްޝަންގެ ކުށުގައި އަށް އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ނަމަވެސް މި މައްސަލައިގައި ދައުވާ އުފުލި އަމީން ކޮންސްޓްރަކްޝަންގެ މައްޗަށް ކުށް ސާބިތުނުވާ ކަމަށް ކޯޓުން ވަނީ ކަނޑައަޅާފައެވެ.
ގާޒީ މުހައްމަދު މިސްބާހު އިއްވެވި ހުކުމުގައި ބަޔާންކޮށްފައިވަނީ، އެ ފައިސާ އެފްއޭއެމްގެ އެކައުންޓުން ބޭރުކޮށްފައިވަނީ ދިވެހި ރުފިޔާއަށް މާރުކުރުމުގެ ނަމުގައި ކަމަށެވެ. އެ ފައިސާއަށްވާ ދިވެހި ރުފިޔާގެ ޗެކެއް ފަހުން އެފްއޭއެމްއަށް ހުށަހެޅި ނަމަވެސް، އެއީ ސައްހަ ޗެކެއް ނޫންކަން އެނގިފައިވާ ކަމަށާއި، އެހެންކަމުން އެ ފައިސާ އަނބުރާ އެފްއޭއެމްގެ އެކައުންޓަށް ވަދެފައިނުވާކަން ވަނީ ސާބިތުވެފައެވެ.
މި މައްސަލައިގައި ބައްސާމްގެ ފަރާތުން ދިފާއުގައި ބުނެފައިވަނީ އެއީ ފީފާގެ ފައިސާ ކަމަށްވާތީ، އެ މައްސަލަ ބެލުމުގެ އިހުތިސާސް އޮންނާނީ ހަމައެކަނި ފީފާއަށް ކަމަށެވެ. ނަމަވެސް ކްރިމިނަލް ކޯޓުން އެ ދިފާއު ބަލައިނުގަތުމުން ހައިކޯޓުގައި އިސްތިއުނާފު ކުރި ނަމަވެސް، ހައިކޯޓުން ވެސް ވަނީ އެ މައްސަލަ ބޭރުކޮށްލާފައެވެ.
ބައްސާމް މިހާރުވެސް ގެންދަވަނީ ދެ މައްސަލައެއްގައި އިއްވާފައިވާ ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒު ކުރައްވަމުންނެވެ. އެއީ ކޮރަޕްޝަންގެ މައްސަލައެއްގައި އިއްވި ހަތަރު އަހަރުގެ ހުކުމަކާއި މަނީ ލޯންޑަރިންގެ މައްސަލައެއްގައި އިއްވި ފަސް އަހަރުގެ ހުކުމެކެވެ. އެއީ 2018 ވަނަ އަހަރު ފީފާއިން އެފްއޭއެމްއަށް ފޮނުވި 10,000 ޑޮލަރު ބައްސާމްގެ އަމިއްލަ އެކައުންޓަށް ޖަމާކުރި މައްސަލައިގައި އިއްވާފައިވާ ހުކުމްތަކެކެވެ.


