Tuesday, 28 July 2026
ހއ. ދިއްދޫ - ޒުވާން މަސްވެެރިޔާ

އެމްއޭސީއެލްއިން ހއ. ދިއްދޫ ބިން ހިއްކުމުގެ އަމަލީ މަސައްކަތް ފަށައިފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅުގެ ދަށުން ހއ. ދިއްދޫ އެއަރޕޯޓް ތަރައްގީކުރުމާއި ބޯހިޔާވަހިކަމާއި އެހެނިހެން ހިދުމަތްތަކަށް ބޭނުންވާ ބިން ހިއްކުމުގެ ބިޔަ މަޝްރޫއުގެ އަމަލީ މަސައްކަތް މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން މިއަދު ފަށައިފިއެވެ.

މި މަޝްރޫއު ފެށުމަށްޓަކައި މިއަދު ހަވީރު ދިއްދޫގައި ބޭއްވި ހާއްސަ ރަސްމިއްޔާތެއްގައި ބިން ހިއްކުމުގެ މަސައްކަތް ރަސްމީކޮށް ފައްޓަވައިދެއްވީ މިނިސްޓަރ އޮފް ފިނޭންސް އެންޑް ޕްލޭނިން މޫސާ ޒަމީރެވެ. މި ރަސްމިއްޔާތުގައި އެމްއޭސީއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓަރު އިބްރާހިމް ޝަރީފު މުހައްމަދު އާއި، ޑެޕިއުޓީ މެނޭޖިން ޑިރެކްޓަރު މުޖުތަބާ ލަތީފު އާއި، ރައްޔިތުންގެ މަޖިލީހުގެ ދިއްދޫ ދާއިރާގެ މެންބަރު އަބްދުއްލަތީފް މުހައްމަދު އަދި ދިއްދޫ ކައުންސިލުގެ ރައީސް އަބްދުالله ރަޝީދު ބައިވެރިވެވަޑައިގެންނެވިއެވެ.

ދިއްދޫ ބިން ހިއްކުމުގެ މަޝްރޫއަށް އެމްއޭސީއެލް އިން ބޭނުންކުރަނީ ދުނިޔޭގައި މިވަގުތު އޮތް އެންމެ ބޮޑު އަދި އެންމެ ބާރުގަދަ އެއް ޑްރެޖަރު ކަމަށްވާ "ލީވް އެރިކްސަން" އެވެ. މި ޓްރެއިލިން ސަކްޝަން ހޮޕާ ޑްރެޖަރަކީ އެއްފަހަރާ 46,000 ކޮޑި މީޓަރުގެ ވެލި ހިއްކުމުގެ ގާބިލުކަން ލިބިގެންވާ، ދުނިޔޭގެ އެންމެ ހައި-ޓެކް ދެ ޑްރެޖަރުގެ ތެރެއިން އެއް އުޅަނދެވެ.

މި މަޝްރޫއުގެ ދަށުން ދިއްދޫގެ ފަޅުން ޖުމްލަ 111 ހެކްޓަރުގެ ބިން ހިއްކުމަށް ވަނީ ހަމަޖެހިފައެވެ. މިއީ ރަށުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ހައްލެއް ހޯދުމަށާއި، އިގްތިސާދީ ތަރައްގީއަށް ބޭނުންވާ އެއަރޕޯޓް އެޅުމަށްޓަކައި ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

އެމްއޭސީއެލް އިން ބުނި ގޮތުގައި މިފަދަ ބޮޑު ޑްރެޖަރެއް ބޭނުންކޮށްގެން މަސައްކަތް ފެށުމަކީ ކަނޑައެޅިފައިވާ ތާވަލާ އެއްގޮތަށް އަވަސް މުއްދަތެއްގެ ތެރޭގައި ބިން ހިއްކުމުގެ މަސައްކަތް ނިންމާލުމަށް ލިބޭ ބޮޑު ބާރެކެވެ. މި ރަސްމިއްޔާތުގައި ދިއްދޫގެ ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވެފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *