Tuesday, 28 July 2026

ޕެންޝަން ފައިސާއަކީ ވާރުތަވެރިންނަށް ބަހައްޓާ އެއްޗަކަށް ނުވާ ގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

ޕެންޝަން އެކައުންޓުގައި ހުންނަ ފައިސާއަކީ ހަމައެކަނި މީހާ މަރުވުމުން ވާރުތަވެރިންނަށް ލިބޭ އެއްޗެއްގެ ގޮތުގައި އޮތް އޮތުން ބަދަލުކުރުމަށް، ރައްޔިތުންގެ މަޖިލީހުގެ މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު އަބްދުލްގާދިރު މިއަދު އިސްލާހެއް ހުށަހަޅުއްވައިފިއެވެ. ސަރުކާރުގެ ފަރާތުން ޕެންޝަން ގާނޫނަށް މި އިސްލާހު ހުށަހަޅުއްވަމުން މުފީދު ވިދާޅުވީ، ޕެންޝަން ފަންޑުގައި ހުންނަ ފައިސާ އިންވެސްޓްކޮށް، އޭގެ މަންފާ އެންމެ އެދެވޭ ގޮތުގައި ރައްޔިތުންނަށް ލިބޭނެ މަގު ފަހިކޮށްދޭން ޖެހޭ ކަމަށެވެ.

މި ބިލުގައި ހިމެނޭ އެންމެ މުހިންމު އެއް ކަމަކީ، ބޮޑު ބައްޔެއްގެ ސަބަބުން އެއް އަހަރަށް ވުރެ ގިނަ ދުވަހު ދުނިޔޭގައި ހުންނާނެ ކަމުގެ އުއްމީދެއް ނެތް މީހުންނަށް، ޕެންޝަން ފައިސާ އެއްފަހަރާ ނެގޭނެ އިންތިޒާމު ހަމަޖެއްސުމެވެ. މުފީދު ފާހަގަކުރެއްވި ގޮތުގައި، މި ބިލު ކޮމިޓީ މަރުހަލާ ނިމިގެން އަންނައިރު، މީހާ ދުނިޔޭގައި ހުއްޓާ އެ ފައިސާގެ ބޭނުން ހިފޭނެ ގޮތަކަށް ފަރުމާކުރެވިފައި އޮތުމުން ރައްޔިތުންނަށް ބޮޑެތި މަންފާ ލިބިގެންދާނެކަމެވެ.

އާންމު ގޮތެއްގައި ޕެންޝަން ފައިސާ ލިބެނީ އުމުރުން 65 އަހަރުވުމުން ކަމަށް ވިޔަސް، 'ޓާމިނަލް އިލްނަސް' ނުވަތަ 12 މަހަށް ވުރެ އިތުރަށް ދިރިހުރުމުގެ ފުރުސަތު ކުޑަ ކަމަށް ސްޕެޝަލިސްޓް ޑޮކްޓަރަކު ނިންމަވާ ހާލަތްތަކުގައި، އެ އުމުރު ހަމަނުވިޔަސް ފައިސާ ނެގޭނެ ކަމަށް ބިލުގައިވެއެވެ. މިފަދަ ހާލަތްތަކުގައި އެކައުންޓުގައި ހުރި ހުރިހާ ފައިސާއެއް ނުވަތަ ބައެއް، އެއްފަހަރާ ނުވަތަ ބަހާލައިގެން ވެސް ދޫކުރެވިދާނެއެވެ.

މީގެ އިތުރުން، ޕެންޝަން ފައިސާ ބޭނުންކޮށްގެން ގެދޮރު އެޅުމާއި، މަރާމާތުކުރުމުގެ އިތުރުން ޑައުންޕޭމަންޓް ދެއްކުމަށްޓަކައި ފައިސާ ރަހުނު ކުރެވޭނެ ގޮތް ހެދުމަށް ވެސް މި ބިލުގައި ވަނީ ހުށަހަޅާފައެވެ. މިހާރު އޮންނަ ގޮތުން ޕެންޝަން ފައިސާ ރަހުނު ކުރެވެނީ ހަމައެކަނި ނިމިފައި ހުންނަ ފްލެޓްތަކުގެ ޑައުންޕޭމަންޓް ދެއްކުމަށް އެކަންޏެވެ.

މި އިސްލާހުތަކުގެ ސަބަބުން ޕެންޝަން ނިޒާމުގެ ތެރެއިން ރައްޔިތުންނަށް ލިބޭ މަންފާ އިތުރުވެ، ދިރިއުޅުމުގެ ޒަރޫރީ ބޭނުންތަކަށާއި ސިއްހީ ބޮޑެތި ހާލަތްތަކުގައި މާލީ އެހީތެރިކަން ލިބިގެންދާނެކަމަށް މުފީދު ބުނެފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *