Tuesday, 28 July 2026
ރައްޔިތުންގެ މަޖިލީސް - މޯލްޑިވްސް އިންޑިޕެންޑެންޓް

ސިވިލް ސާވަންޓުންނަށް 75 އަހަރާ ހަމައަށް ވަޒީފާގައި ދެމިތިބެވޭ ބިލް މަޖިލީހުން ފާސްކޮށްފި

ސިވިލް ސާވިސްގެ މުވައްޒަފުންނަށް އުމުރުން 75 އަހަރު ވަންދެން ވަޒީފާގައި ދެމިތިބެވޭ ގޮތަށް ހުށަހެޅި "އަލުން ވަޒީފާ ދިނުމުގެ ބިލް" ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ. މި ބިލް ފާސްކޮށްފައިވަނީ މަޖިލީހުގެ ގައުމީ ތަރައްގީ އާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތަށް، 46 މެންބަރުންގެ ތާއީދާއެކުގައެވެ.

ސަރުކާރުގެ ފަރާތުން މި ބިލް މަޖިލީހަށް ހުށަހެޅުއްވީ ގުރައިދޫ ދާއިރާގެ މެންބަރު ހަނާން މުހައްމަދު ރަޝީދެވެ. މި ގާނޫނުގެ މައިގަނޑު މަގްސަދަކީ މިހާރު ކަނޑައެޅިފައިވާ ރިޓަޔާމަންޓް އުމުރަށްވުރެ އިތުރަށް ސިވިލް ސާވަންޓުންނަށް ވަޒީފާގެ ފުރުސަތު ފަހިކޮށްދިނުމާއި، އަލުން ވަޒީފާ ދިނުމުގައި އަމަލުކުރާނެ ސާފު އުސޫލުތަކާއި އިޖުރާއަތްތައް ކަނޑައެޅުމެވެ.

މި ބިލްގައިވާ ގޮތުން، އުމުރުން 65 އަހަރާއި 75 އަހަރާ ދެމެދުގެ ސިވިލް ސާވަންޓުންނަށް އަލުން ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، މި ގާނޫނަށް އަމަލުކުރަން ފެށުމުގެ ހަތް އަހަރު ކުރިން ޕެންޝަން ލިބުމުގެ ހައްގު ލިބިފައިވާ ކުރީގެ ސިވިލް ސާވަންޓުންނަށް ވެސް އަލުން ވަޒީފާއަށް ކުރިމަތިލުމުގެ ފުރުސަތު މި ބިލުން ފަހިކޮށްދެއެވެ.

އަލުން ވަޒީފާ ދެވޭ މުވައްޒަފުން މަސައްކަތް ކުރަން ޖެހޭނީ އަހަރަކު އެއްފަހަރު އާކުރާ ކޮންޓްރެކްޓް އުސޫލުންނެވެ. އެ މުވައްޒަފުން ކުރިން އަދާކުރި މަގާމަށް ނުވަތަ އާ މަގާމަކަށް ވެސް އައްޔަން ކުރެވިދާނެއެވެ. މި މުވައްޒަފުންގެ މުސާރައާއި އިނާޔަތްތައް ކަނޑައަޅާނީ ނޭޝަނަލް ޕޭ ކޮމިޝަނުންނެވެ. "އަލުން ވަޒީފާ ދެވޭ ފަރާތްތަކަށް ރިޓަޔާމަންޓް އުމުރު ހަމަވުމަށްފަހު އަސާސީ ޕެންޝަން ނުލިބުނު ކަމުގައިވިޔަސް، ޕެންޝަނާ ބެހޭ ގާނޫނުގެ ދަށުން ލިބޭ އެހެނިހެން މަންފާތައް ލިބޭނެއެވެ."

އުމުރުން 65 އަހަރުވުމަށްފަހު ވަޒީފާގައި ކުރިއަށްދާން ބޭނުންވާ މުވައްޒަފުން، ރިޓަޔާވާން ހަ މަސް ދުވަހަށް ވުމުގެ ކުރިން އެކަމަށް އެދި ހުށަހަޅަން ޖެހެއެވެ. އަދި ކުރިން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް، މި ގާނޫނަށް އަމަލުކުރަން ފަށާތާ ހަތަރު މަސް ދުވަހުގެ ތެރޭގައި ވަޒީފާއަށް އެދި ހުށަހެޅުމުގެ ފުރުސަތު އޮންނާނެއެވެ.

މި ބިލުގެ ދާއިރާއިން ބައެއް މުއައްސަސާތައް ވަނީ އިސްތިސްނާކޮށްފައެވެ. އޭގެ ތެރޭގައި އެމްއެންޑީއެފް، ފުލުހުން، ފަނޑިޔާރުން، އަދި ގާނޫނުއަސާސީ ނުވަތަ ވަކި ގާނޫނެއްގެ ދަށުން އައްޔަންކުރާ މަގާމުތައް ހިމެނެއެވެ.

 

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *