ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ދޮށީ ދަރިކަލުން އުމައިރު މުޙައްމަދު މުޢިއްޒު، ރާއްޖޭގެ އެންމެ ކާމިޔާބު އެއް ކްލަބު ކަމަށްވާ ނިއު ރޭޑިއަންޓް ސްޕޯޓްސް ކްލަބުން އަލަށް އެކުލަވާލި އެ ކްލަބުގެ ބީ ޓީމަށް ހޮވާފައިވާކަން އެ ކްލަބުން ކަށަވަރުކޮށްދީފިއެވެ.
ނިއު ރޭޑިއަންޓްގެ ޗެއާމަން އަޙްމަދު މުބީން ވިދާޅުވީ، މި ސީޒަނުގައި ބީ ޓީމު އެކުލަވާލުމުގެ މައިގަނޑު މަގުސަދަކީ ހުނަރުވެރި ޒުވާން ކުޅުންތެރިން ދެނެގަނެ، އެ ކުޅުންތެރިންނަށް ފުރުސަތުތައް ފަހިކޮށްދިނުން ކަމަށެވެ. އުމައިރު އަކީ މި އުސޫލުގެ ތެރެއިން ޓީމަށް ހޮވުނު ކުޅުންތެރިއެއްކަން މުބީން ފާހަގަކުރެއްވިއެވެ. މި ސްކޮޑުގައި އުމައިރުގެ އިތުރުން، ނިއު ރޭޑިއަންޓްގެ ކުރީގެ މަޝްހޫރު ކުޅުންތެރިން ކަމަށްވާ މުޙައްމަދު ނަޞީރު އަދި އަޙްމަދު ނާޒް (އާކޭ) ގެ ދަރިންވެސް ހިމެނެއެވެ.
އުމައިރު މުޙައްމަދު މުޢިއްޒަކީ މީގެ ކުރިން ޓޭބަލް ޓެނިސް ކުޅުންތެރިއެއްގެ ގޮތުގައި ފާހަގަކުރެވުނު ފަރާތެކެވެ. ނަމަވެސް، ފީފާގެ ރައީސް ޖިއާނީ އިންފަންޓީނޯ ރާއްޖެއަށް ކުރެއްވި ރަސްމީ ދަތުރުފުޅުގައި ކުޅުނު ޚާއްޞަ ފުޓްބޯޅަ މެޗުގައިވެސް އުމައިރު ވަނީ ބައިވެރިވެ، ފުޓްބޯޅައަށް ހުރި ޝައުގުވެރިކަން ހާމަކޮށްފައެވެ.
ޓީމުގެ ތަމްރީނުތަކާ ގުޅޭގޮތުން މުބީން އިތުރަށް ވިދާޅުވީ، ދަނޑުތަކުގެ ދަތިކަން ހުރުމުގެ ސަބަބުން ބީ ޓީމުގެ ކުޅުންތެރިން މިވަގުތު ތަމްރީނުތައް ކުރިއަށް ގެންދަނީ ސީނިއާ ޓީމާއެކު ކަމަށެވެ. އަދި ބައެއް ޒުވާން ކުޅުންތެރިން މިހާރުވެސް ސީނިއާ ސްކޮޑުގައި ހިމަނާފައިވާކަން އޭނާ ފާހަގަކުރެއްވިއެވެ. ކުރިއަށް އޮތް ތަނުގައި އެސިސްޓަންޓް ކޯޗު މުޙައްމަދު ފައިޞަލް (ކޭޓޭ) ގެ ބެލުމުގެ ދަށުން ބީ ޓީމު ވަކި ޕްރޮޖެކްޓެއްގެ ގޮތުގައި ތަރައްޤީ ކުރަމުންދާނެ ކަމަށް ކްލަބުން ބުނެއެވެ.
ޒުވާން ކުޅުންތެރިން ބިނާކުރުމަށް ނިއު ރޭޑިއަންޓުން ފަށާފައިވާ މަސައްކަތުގެ ދަށުން، ޖޫނިއާ ކުޅުންތެރިން ތަމްރީނު ކުރުމަށްޓަކައި އެ ކްލަބުގެ އެކަޑަމީގެ މަސައްކަތްތައްވެސް ވަރަށް އަވަހަށް ފެށުމަށް ވަނީ ރާވާފައެވެ.


