މާލޭ ސިޓީގެ އުތުރު ފަރާތު މަގުތައް ތަރައްގީކުރުމަށް ކުރިއަށްގެންދާ މުހިންމު މަޝްރޫއުގެ ދަށުން، ލޯކަލް މާކެޓް ސަރަހައްދުގެ 38 މީޓަރުގެ ސަރަހައްދެއްގައި ޝީޓް ޕައިލް ކުރުމުގެ މަސައްކަތް ނިމިފައިވާ ކަމަށް މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފިއެވެ.
ލޯކަލް މާކެޓުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް 250 މީޓަރުގެ ސަރަހައްދު ތަރައްގީކުރުމުގެ އަމަލީ މަސައްކަތް ފަށާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހުއެވެ. އެމްޓީސީސީން ބުނި ގޮތުގައި މިހާރު ވަނީ އެ މަގުގައި ކަރަންޓު ކޭބަލް އެޅުމުގެ މަސައްކަތް ވެސް އެއްކޮށް ނިންމާލާފައެވެ.
މީގެ އިތުރުން، ކަނޑު ތޮށިލުމުގެ މަސައްކަތުގެ ތެރެއިން މި ހަފުތާގެ ނިޔަލަށް ޓައި-ރޮޑް އަދި އެންކަރ ބްލޮކްތައް ހަރުކުރުމުގެ މަސައްކަތް ނިމޭނެ ކަމަށް އެ ކުންފުނިން ބުނެއެވެ. އަދި މިހާތަނަށް 270 މީޓަރުގެ ފެން ހޮޅި ވަނީ މަގު އަޑީގައި ވަޅުލާފައެވެ.
މި މަޝްރޫއުގެ މައިގަނޑު މަގުސަދަކީ ހިނގާބިނގާވެ އުޅޭ މީހުންނަށް ލުއިފަސޭހަކޮށްދިނުމާއި، ޓްރެފިކް ތޮއްޖެހުން ކުޑަކުރުމުގެ އިތުރުން ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމެވެ. މީގެ ސަބަބުން މުދާ އުފުލާ އުޅަނދުފަހަރަށާއި އާންމު ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންދާނެއެވެ.
ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް އޮތް 1،088 މީޓަރުގެ މި މަގުގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފައެވެ. މިހާރު ކުރިއަށްދަނީ ދެވަނަ ފިޔަވަހީގެ މަސައްކަތްތަކެވެ.
އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ރަމަޟާން މަހުގެ ކުރިން ދެވަނަ ފިޔަވަހީގެ މަސައްކަތްތައް ނިންމައި، އާންމުންނަށް މަގު ހުޅުވާލުމެވެ.


