Tuesday, 28 July 2026
ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައި ނިންމައިފަ - އެމްޑަބްލިޔުއެސްސީ

ފަހި ދިރިއުޅުން ކޯޕަރޭޝަނުން ތަރައްގީކުރި 4،000 ފްލެޓަށް ފެނާއި ނަރުދަމާގެ ހިދުމަތް ގުޅައި ނިންމައިފި

ހުޅުމާލެ ފޭސް 2 ގައި ފަހި ދިރިއުޅުން ކޯޕަރޭޝަން (އެފްޑީސީ) އިން ތަރައްގީކުރަމުންދާ 4،000 ފްލެޓްގެ ހުރިހާ ޓަވަރަކަށް ފެނާއި ނަރުދަމާގެ ނިޒާމު ގުޅައި، އެ މަސައްކަތް މިހާރު ވަނީ މުޅިން ނިންމާލާފައެވެ.

މޯލްޑިވްސް ވޯޓަރ އެންޑް ސުވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) އިން އެކްސްގައި ކުރި ޕޯސްޓެއްގައި ބުނެފައިވަނީ، އަމާން ދޯދި އަދި އަމާން އުދަރެސްގެ ނަމުން ނަންދީފައިވާ މި 4،000 ހައުސިންގ ޔުނިޓްގެ ހުރިހާ ޓަވަރެއްގައި ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް، ޓެސްޓުކޮށް، ކޮމިޝަން ކުރުމުގެ މަސައްކަތް މިހާރު ނިމިފައިވާ ކަމަށެވެ. މީގެ އިތުރުން، މި ފްލެޓްތަކުގައި ވޯޓަރ ބޫސްޓިންގ ސިސްޓަމްތައްވެސް މިހާރު ވަނީ ގާއިމުކޮށްފައެވެ.

މިދިޔަ ޑިސެމްބަރު މަހު ޕީއެސްއެމް ނިއުސްއަށް މައުލޫމާތު ދެއްވަމުން އެފްޑީސީގެ މެނޭޖިންގ ޑިރެކްޓަރ ހަމްދާން ޝަކީލް ވިދާޅުވީ، އެމްޑަބްލިއުއެސްސީން ކުރަމުންދާ މަގު ހެދުމުގެ މަސައްކަތް ފިޔަވައި، ފްލެޓްތަކުގެ އެހެން ހުރިހާ މަސައްކަތްތަކެއް ނިމިފައިވާ ކަމަށެވެ. އެހެންކަމުން، ފެނާއި ނަރުދަމާގެ ނިޒާމު ގާއިމުކޮށް ނިމުމަކީ މި ފްލެޓްތަކުގެ ތަރައްގީގެ މަސައްކަތުގައި އެޅުނު އެންމެ ފަހު ފިޔަވަޅެވެ.

އެފްޑީސީން މިހާރު ދަނީ ފްލެޓްތައް ލިބުނު ފަރާތްތަކާ ތަޅުދަނޑި ހަވާލުކުރުމުގެ މަސައްކަތް ކުރަމުން ކަމަށާއ މި މަސައްކަތް މި މަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އެ ކޯޕަރޭޝަނުން ލަފާކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *