ވެނެޒުއޭލާއަށް އެމެރިކާއިން "ބޮޑު ހަމަލާއެއް" ދީފައިވާ ކަމަށާއި، އެ ގައުމުގެ ރައީސް ނިކޮލަސް މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ހައްޔަރުކޮށް ގައުމުން ބޭރުކޮށްފައިވާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހޮނިހިރު ދުވަހުގެ ފަތިހު އިއުލާނު ކުރައްވައިފިއެވެ.
ޓްރޫތް ސޯޝަލްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ޓްރަމްޕް ވިދާޅުވީ، "އެމެރިކާއިން ވަނީ ވެނެޒުއޭލާއަށާއި އެ ގައުމުގެ ލީޑަރު ރައީސް ނިކޮލަސް މަދޫރޯއަށް އަމާޒުކޮށް ބޮޑު ހަމަލާއެއް ކާމިޔާބުކަމާއެކު ދީފައި. މަދޫރޯ އާއި އޭނާގެ އަނބިކަނބަލުން ވަނީ ހައްޔަރުކޮށް، ފްލައިޓެއްގައި ގައުމުން ބޭރަށް ގެންގޮސްފައި،" ކަމަށެވެ.
މި ހަމަލާއާ ގުޅިގެން ހޮނިހިރު ދުވަހުގެ ފަތިހު ވެނެޒުއޭލާގެ ވެރިރަށް ކަރަކާސްގައި ބާރުގަދަ ގޮވުންތަކެއް ގޮވި އަޑާއި މަތިންދާބޯޓުތަކުގެ އަޑު އިވިފައިވާ ކަމަށް އެ ސިޓީގެ އާންމުން ވަނީ ރިޕޯޓުކޮށްފައެވެ. ފުރަތަމަ ގޮވުން ރެކޯޑު ކުރެވިފައިވަނީ އެ ގައުމުގެ ގަޑިން ދަމުން 1:50 ހާއިރުއެވެ. މި ހަމަލާތަކަށްފަހު ސިޓީގެ ބައެއް ސަރަހައްދުތަކުން ކަރަންޓުގެ ހިދުމަތް ވަނީ މެދުކެނޑިފައެވެ.
ވެނެޒުއޭލާގައި ހިންގާ ކަމަށް ތުހުމަތުކުރެވޭ މަސްތުވާތަކެތީގެ ވިއުގަތަކާ ދެކޮޅަށް އެމެރިކާއިން އާ ފިޔަވަޅުތަކެއް އެޅުމަށް ތައްޔާރުވަމުންދާ ކަމަށާއި، "މާލަސްތަކެއް ނުވެ" އެއްގަމުން ހަމަލާތައް ދޭން ފަށާނެ ކަމުގެ އިންޒާރު ފާއިތުވި ހަފުތާތަކުގައި ޓްރަމްޕް ތަކުރާރުކޮށް ދެއްވަމުން ގެންދެވިއެވެ. އެމެރިކާއިން މި ހަރަކާތް ސިފަކުރަނީ މަސްތުވާތަކެއްޗާ ދެކޮޅު ކެމްޕޭނެއްގެ ގޮތުގައެވެ.
މަދޫރޯއަށް ފިއްތުންތައް ކުރިމަތިކުރުމަށް ޓްރަމްޕް ހިންގަވާ ކެމްޕޭނުގެ ދަށުން، ކެރީބިއަން ކަނޑާއި އިރުމަތީ ޕެސިފިކް ކަނޑުގައި 30 އަށްވުރެ ގިނަ އުޅަނދު ވަނީ ހަމަލާދީ ހަލާކުކޮށްލާފައެވެ. މީގެ އިތުރުން، ވެނެޒުއޭލާއަށް ވަންނަ އަދި އެ ގައުމުން ބޭރުވާ ތެޔޮ ޓޭންކަރުތައް ބްލޮކޭޑް ކުރުމަށް ޓްރަމްޕް މިދިޔަ މަހު ވަނީ އަމުރު ކޮށްފައެވެ.


