ހުޅުމާލޭ ފަޅުގައި އޮތް ސަފާރީއެއްގައި ގަވާއިދާ ހިލާފަށް ބަނގުރަލުގެ ވަގު ވިޔަފާރި ކުރަމުންދިޔަ ބަޔަކު ފުލުހުން ހައްޔަރުކޮށްފިއެވެ. މި މީހުން ހައްޔަރުކޮށްފައިވަނީ ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ފުލުހުން ހިންގި ހާއްސަ އޮޕަރޭޝަނެއްގައެވެ.
މި އޮޕަރޭޝަނަކީ ޑްރަގް އެންފޯސްމަންޓާއި ކައުންޓަރ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ކުރިއަށް ގެންދިޔަ އޮޕަރޭޝަނެކެވެ. ޑިސެމްބަރު 31 ވަނަ ދުވަހު ކޯޓު އަމުރެއްގެ ދަށުން އެ ސަފާރީ ބަލައިފާސްކުރިއިރު، 102 ފުޅި ބަނގުރާ އަދި 218 ދަޅު ބަނގުރާ ފެނިފައިވާ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
މި މައްސަލައާ ގުޅިގެން ފަސް މީހަކު ވަނީ ހައްޔަރުކޮށްފައެވެ. އޭގެ ތެރޭގައި ހިމެނެނީ އިންޑިއާގެ ރައްޔިތެއް ކަމަށްވާ އެމްޑީ ޝޭކަރު ހޮސައިން (34އ)، ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ރަސެލް މިއާ (35އ)، ސްރީލަންކާގެ ދެ ރައްޔިތުން ކަމަށްވާ ޕުބުދު އަސެލަ ބަންދަރަ ދޮލޮސްބަ ގެދަރަ (27އ) އާއި ތަރަކަ ސަމަން ކުމާރަ ދޭވަ (35އ) އެވެ. މީގެ އިތުރުން މާލެއަށް ނިސްބަތްވާ ހ. ބިންމަތީއާގެ، މުޙައްމަދު މަނިކު (52އ) ވެސް ވަނީ ހައްޔަރުކޮށްފައެވެ.
ހައްޔަރުކުރެވުނު މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، ޝޭކަރު ހޮސައިން އާއި ރަސެލް މިއާ ފަސް ދުވަހަށް، ޕުބުދު އަސެލަ އާއި ތަރަކާ ސަމަން ކުމާރަ ހަތް ދުވަހަށް، އަދި މުޙައްމަދު މަނިކު ތިން ދުވަހަށް ބަންދުގައި ބޭތިއްބުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
ފުލުހުން ދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.


