Tuesday, 28 July 2026
ފޭސް 2ގައި ބިނާކުރެވޭ 4000 ފްލެޓް މަސައްކަތް ބައްލަވާލުން - ރައީސް އޮފީސް

މާލެ ސަރަޙައްދުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ޢަމަލީ މަސައްކަތް ފަށަނީ

މާލެ ސަރަޙައްދުގައި ތަރައްޤީ ކުރުމަށް ހަމަޖެހިފައިވާ ހައުސިންގ ޔުނިޓްތަކުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށުމަށް ތައްޔާރުވެފައިވާ ކަމަށް އިމާރާތް ކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާއިން ހާމަކޮށްފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައިވެސް އެއްފަހަރާ އެންމެ ގިނަ އަދަދަކަށް ހައުސިންގ މަޝްރޫޢުތައް ކުރިއަށްގެންދާ ފަހަރުކަން އެ ވުޒާރާއިން ފާހަގަކުރެއެވެ.

ޕީއެސްއެމް ނިއުސްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން އިމާރާތް ކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވުޒާރާގެ ސްޓޭޓް މިނިސްޓަރ އަލްއުސްތާޛު އަޙްމަދު ނާޒިމް މުޙައްމަދު ވިދާޅުވީ، މާލެ ސަރަޙައްދުގައި ކުރިއަށް ގެންދިޔުމަށް އިޢުލާންކޮށްފައިވާ 7900 ހައުސިންގ ޔުނިޓުގެ މަޝްރޫޢުގެ ތެރެއިން ބައެއް މަޝްރޫޢުތަކުގެ ޢަމަލީ މަސައްކަތް މިމަހުގެ ތެރޭގައި ފެށޭނެ ކަމަށެވެ. މިއީ މާލެ ސަރަޙައްދުގައިވެސް އެއްފަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫޢުކަން އޭނާ ފާހަގަކުރެއްވިއެވެ.

ސްޓޭޓް މިނިސްޓަރ ނާޒިމް ވިދާޅުވި ގޮތުގައި، "މިއީ މާލެ ސަރަޙައްދުގައި އެއްފަަހަރާ ހިންގާ އެންމެ ބޮޑު މަޝްރޫޢު. ބިން ދޫކުރުމުގެ މަޝްރޫޢުއަކީވެސް އެންމެ ބޮޑު މަޝްރޫޢު. ފްލެޓުގެ އިތުރުން 15000 ގޯތި ދޫކުރުމަށްވެސް ވަނީ ނިންމާފައި." މި މަޝްރޫޢަކީ މި ސަރުކާރުން މާލެ ސަރަޙައްދުގައި ކުރިއަށްގެންދާ ބޯހިޔާވަހިކަމުގެ ފުރަތަމަ ބޮޑު މަޝްރޫޢެވެ.

ސަރުކާރުގެ "ބޯހިޔާވަހިކަން އެންމެންނަށް" ސިޔާސަތުގެ ދަށުން، ގޯއްޗާއި ފްލެޓަށް އެދުމުގެ ފުރުޞަތު މި މަހުގެ 15 ވަނަ ދުވަހު ހުޅުވާލުމަށް ވަނީ ހަމަޖެހިފައެވެ. މި ފުރުޞަތު އޭޕްރީލް މަހުގެ 14 ވަނަ ދުވަހާ ހަމައަށް ދެމިއޮންނާނެއެވެ. ފްލެޓް ދޫކުރުމަށް ހަމަޖެހިފައިވަނީ ދެ ކެޓަގަރީއަކުންނެވެ. އެއީ އެފޯޑަބަލް ހޯމް އޯނަރޝިޕް މޮޑެލްއާއި، ރެންޓް-ޓު-އޯން މޮޑެލްއެވެ.

މި މަޝްރޫޢުގެ ދަށުން ބޯހިޔާވަހިކަމަށް އެދެވޭނީ 18 އަހަރު ފުރިފައިވާ މާލޭގެ ރަށްވެހިންނަށާއި، މާލޭގައި ދިރިއުޅޭތާ 15 އަހަރު ވެފައިވާ އެހެން ރަށްރަށުގެ މީހުންނަށެވެ. އަދި އެދޭ ފަރާތުގެ ނަމުގައި ނުވަތަ އަނބިމީހާ/ފިރިމީހާގެ ނަމުގައި ރާއްޖޭގެ އެއްވެސް ސަރަހައްދެއްގައި 400 އަކަފޫޓަށްވުރެ ބޮޑު ގޯއްޗެއް އޮވެގެން ނުވާނެ ކަމަށް އުސޫލުގައި ބަޔާންކޮށްފައިވެއެވެ.

މި އުސޫލުގެ ދަށުން ބޯހިޔާވަހިކަން ދޫކުރުމުގައި 18 އަހަރުން ދަށުގެ ކުދިން ބަލާ އެކަނިވެރި މައިންނާއި ބަފައިންނަށް އިސްކަންދިނުމަށް ވަނީ ނިންމާފައެވެ. މިއީ މާލެ ސަރަޙައްދުގެ ބޯހިޔާވަހިކަމުގެ މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *