ނިމިދިޔަ 2025 ވަނަ އަހަރަކީ ދިވެހިރާއްޖޭގެ ފަތުރުވެރިކަމުގެ ތާރީޚުގައި މިހާތަނަށް އެންމެ ބޮޑު ކުރިއެރުމެއް ލިބި، އެންމެ ކާމިޔާބު އަހަރުގެ ގޮތުގައި ރެކޯޑު ކުރެވިއްޖެއެވެ. ވިޒިޓް މޯލްޑިވްސްއިން ހާމަކޮށްފައިވާ ގޮތުގައި، މިދިޔަ އަހަރު ރާއްޖޭގެ ފަތުރުވެރިކަމުގެ ދާއިރާއިން ލިބުނު އާމްދަނީ 5.4 ބިލިއަން އެމެރިކާ ޑޮލަރަށް އަރާނެ ކަމަށް ލަފާކުރެވޭއިރު، މިއީ ސަރުކާރުން ކަނޑައަޅާފައިވާ ގައުމީ އަމާޒަށްވުރެ އިތުރު އަދަދެކެވެ.
މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމް.އެމް.އޭ) ގެ ތަފާސްހިސާބުތަކަށް ބަލާއިރު، ފާއިތުވި އަހަރާ އަޅާބަލާއިރު ފަތުރުވެރިކަމުން ލިބުނު އާމްދަނީ ވަނީ 15.8 އިންސައްތަ އިތުރުވެފައެވެ. މީގެ އިތުރުން، ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ ޖުމްލަ އަދަދު ރެކޯޑު މިންވަރަކަށް އިތުރުވެފައިވާއިރު، ކަނޑުމަގުން ރާއްޖެއަށް އައި ފަތުރުވެރިންގެ އަދަދުވެސް ވަނީ 10 އިންސައްތައިގެ ކުރިއެރުމެއް ހޯދާފައެވެ.
ރާއްޖޭގެ ފަތުރުވެރިކަމުގެ މައިގަނޑު މާކެޓްތަކުން ފަތުރުވެރިން އައި މިންވަރު ވަނީ ވަރަށް ބޮޑަށް ކުރިއަރާފައެވެ. އެގޮތުން ޗައިނާއިން ފަތުރުވެރިންގެ އަދަދު 22 އިންސައްތަ އިތުރުވެފައިވާއިރު، ރަޝިޔާ މާކެޓުން ވަނީ 20 އިންސައްތައިގެ ކުރިއެރުމެއް ލިބިފައެވެ.
މި ކާމިޔާބީއާއެކު، ވޯލްޑް ޓްރެވަލް އެވޯޑްސްގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލްގެ މަގާމު ޖެހިޖެހިގެން ހަވަނަ ފަހަރަށް ރާއްޖެއިން ވަނީ ކާމިޔާބުކޮށްފައެވެ. މިއީ ބައިނަލްއަގުވާމީ ފަތުރުވެރިކަމުގެ ދާއިރާގައި ގާއިމުކުރެވުނު އާ ދުނިޔޭގެ ރެކޯޑެކެވެ.
ވިޒިޓް މޯލްޑިވްސްއިން ބުނި ގޮތުގައި، ފަތުރުވެރިކަމުގެ ދާއިރާގައި ކުރިއަށް ހުރި ބޮޑެތި މަޝްރޫއުތަކަށް ތައްޔާރުވުމުގެ ގޮތުން، ޚާއްސަ މާކެޓިންގ ހަރަކާތްތަކާއި އާ އުކުޅުތައް 2026 ވަނަ އަހަރު ތައާރަފުކުރުމަށް ވަނީ ރޭވިފައވާ ކަމަށާއި މި ހަރަކާތްތަކުގެ މަގްސަދަކީ މިހާރު ލިބިފައިވާ ކުރިއެރުން ދަމަހައްޓައި، ރާއްޖެއަކީ ދުނިޔޭގެ އެންމެ އިތުބާރުހުރި ފަތުރުވެރިކަމުގެ މަންޒިލްގެ ގޮތުގައި ބޭއްވުންކަމެވެ.


