މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަތުރުވެރިޔާއަށް ވެލާނާ އިންޓަނޭޝަނަލް އެއަރޕޯޓް (ވީއައިއޭ) ގެ އައު ޓަރމިނަލުން މިއަދު ހޫނު މަރުހަބާއެއް ކިޔައިފިއެވެ. މޯލްޑިވްސް އެއަރޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިންތިޒާމުކުރި މި ހަރަކާތް ބާއްވާފައިވަނީ އެއަރޕޯޓުގެ ޓަރމިނަލް 1 ގައެވެ.
މިއަހަރު ރާއްޖެއަށް ޒިޔާރަތް ކުރި އެންމެ ފުރަތަމަ ފަތުރުވެރިޔާއަކީ ޖަރުމަންވިލާތުގެ ރައްޔިތެއް ކަމަށްވާ ތޯމަސް އެންޑްރިއާސް ހެލްވެގާރ އެވެ. އޭނާ ރާއްޖެއަށް އައިސްފައިވަނީ އިއްތިހާދު އެއަރވޭސްގެ ފްލައިޓަކުންނެވެ. މިއީ އޭނާ ރާއްޖެއަށް ޒިޔާރަތްކުރި ފުރަތަމަ ފަހަރުކަން ފާހަގަކުރަމުން އޭނާ ބުނީ ރާއްޖެއިން ކީ މަރުހަބާއާމެދު ވަރަށް ބޮޑަށް އުފާކުރާ ކަމަށެވެ.
އަހަރުގެ އެންމެ ބާރުބޮޑު ދުވަސްވަރާ ދިމާކޮށް ފަތުރުވެރިންނަށް ދޭ ޚިދުމަތްތައް ފުރިހަމަކުރުމަށްޓަކައި އެމްއޭސީއެލް އިން ވަނީ ހުރިހާ އެއަރލައިނެއްގެ އޮޕަރޭޝަންތައް މިހާރު އައު ޓަރމިނަލަށް ބަދަލުކޮށްފައެވެ. އެ ކުންފުނިން ހާމަކުރި ގޮތުގައި، މިހާރު ޓަރމިނަލް 1 އިން ޖުމްލަ 41 އެއަރލައިނަކަށް ޚިދުމަތް ދެމުންދާއިރު، މިހާތަނަށް 600,000 އަށްވުރެ ގިނަ ފަތުރުވެރިންނަށް މި ޓަރމިނަލުން ވަނީ ޚިދުމަތް ފޯރުކޮށްދީފައެވެ.
ޓަރމިނަލް 1 ގެ ޚިދުމަތްތައް އިތުރަށް ފުޅާކުރުމުގެ ގޮތުން ޑިއުޓީ ފްރީގެ ޚިދުމަތް ފެށުމަށް ފަހުގެ ތައްޔާރީތައް ވަމުންދާއިރު، ސީޕްލޭން ކައުންޓަރުތައް ވެސް މި ޓަރމިނަލަށް ބަދަލުކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. މިއީ ފަތުރުވެރިންނަށް އެއް ފުރާޅެއްގެ ދަށުން ހުރިހާ ޚިދުމަތެއް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ކުރެވޭ މަސައްކަތެކެވެ.
ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ތަފާސް ހިސާބުތަކަށް ބަލާއިރު، ނިމިދިޔަ 2025 ވަނަ އަހަރު ރާއްޖެއަށް 2.24 މިލިޔަނަށްވުރެ ގިނަ ފަތުރުވެރިން ވަނީ ޒިޔާރަތްކޮށްފައެވެ. މިއީ 2024 ވަނަ އަހަރާ އަޅާބަލާއިރު 9.8 އިންސައްތައިގެ ކުރިއެރުމެކެވެ. ސަރުކާރުގެ އަމާޒަކީ ފަތުރުވެރިކަމުން ލިބޭ އާމްދަނީ 6 ބިލިޔަން ޑޮލަރަށް އިތުރުކުރުން ކަމަށްވާއިރު، މިދިޔަ އަހަރުގެ ނިޔަލަށް މި އަދަދު ވަނީ 5.45 ބިލިޔަން ޑޮލަރަށް އަރާފައެވެ.


