Tuesday, 28 July 2026
ވީއެމްސީ

ގިނަ ހަރަކާތްތަކަކާއެކު 2026 އަށް މަރުޙަބާ ކިޔަން ތައްޔާރުވެއްޖެ

ގިނަ ހަރަކާތްތަކަކާއެކު 2026 އަށް މަރުޙަބާ ކިޔަން ތައްޔާރުވެއްޖެއެވެ.

އާ އަހަރު ފެށުން ފާހަގަކުރުމަށް މިރޭ ހުޅުމާލޭގައި ބާއްވާ ހާއްސަ ހަރަކާތްތަކުގެ ތެރެއިން ޕައިރޯ ޑްރޯން ޝޯއެއް ބޭއްވުމަށް ނިންމާފައިވާ ކަމަށް ވިޒިޓް މޯލްޑިވްސް އިން މިއަދު ވަނީ ހާމަކޮށްފައެވެ. މި ހަރަކާތަކީ އާ އަހަރުގެ ފެށުން ކުލަގަދަކޮށް ފާހަގަކުރުމަށް ކުރިއަށްގެންދާ މުހިންމު ހަރަކާތެކެވެ.

މިރޭ 9:00 ގައި ހުޅުމާލޭ ސެންޓްރަލް ޕާކުގައި ކުރިއަށް ގެންދާ މި ޑްރޯން ޝޯ 15 މިނިޓަށް ދެމިގެންދާނެ ކަމަށާއި މި ޝޯގައި ޖުމުލަ 600 ޑްރޯން ބޭނުންކުރާއިރު، އޭގެ ތެރޭގައި ހަވާގެ ކުޅިވަރުތައް ފެންނާނެ ފަދަ 75 ޕައިރޯޑްރޯން ހިމެނޭ ކަމަށް ވިޒިޓް މޯލްޑިވްސްގެ ސީއީއޯ އިބްރާހިމް ޝިއުރީ ވިދާޅުވެފައިވެއެވެ.

މި ޝޯގެ ތެރެއިން ދައްކުވައިދޭނީ ދިވެހިވަންތަކަމާއި ރާއްޖޭގެ ތަރައްގީއެެވެ. މި ހަރަކާތް ކުރިއަށް ގެންދަނީ ދިވެހި ކުންފުންޏަކުން ކަމަށްވެސް ވިޒިޓް މޯލްޑިވްސް އިން މައުލޫމާތު ދެއެވެ.

އާ އަހަރު ފާހަގަކުރުމުގެ ހަރަކާތްތައް ވިޒިޓް މޯލްޑިވްސް އިން ކުރިއަށް ގެންދަނީ ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އާއި އެޗްޑީސީ ފަދަ ކުންފުނިތަކާ ގުޅިގެންނެވެ. "މޯލްޑިވްސް ކަލްޗާ އެންޑް ފުޑް ފެސްޓިވަލް"ގެ ނަމުގައި އިއްޔެ ވަނީ ސެންޓްރަލް ޕާކުގައި ހަރަކާތްތައް ފަށާފައެވެ.

މީގެ އިތުރުން، އާ އަހަރާ ގުޅިގެން މިއަދާއި މާދަމާ ކުޑަކުދިންގެ ހަވީރެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. އަދި މިރޭގެ ހަރަކާތްތަކުގެ ތެރޭގައި ބޮޑުބެރުގެ ހަރަކާތްތަކާއި ހަވާ އެރުވުން ވެސް ކުރިއަށްދާނެ ކަމަށް ވިޒިޓް މޯލްޑިވްސް އިން ބުނެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *