Tuesday, 28 July 2026
ހަސަން މަމްދޫހް

ކޭޕާކު މައްސަލައިގައި މަންޑޭގެ މައްޗަށް 397 އަހަރުގެ ޖަލު ހުކުމެއް އިއްވައިފި

ކޭޕާކު ފުލެޓުތައް އޮޅުވާލައިގެން ގިނަ އަދަދެއްގެ މީހުންނަށް ވިއްކި މައްސަލައިގައި، ހަސަން މަމްދޫހު (މަންޑޭ)ގެ މައްޗަށް ކްރިމިނަލް ކޯޓުގައި 94 ދައުވާ ސާބިތުވެ، 397 އަހަރަށް ޖަލަށްލުމަށް މިއަދު ހުކުމްއިއްވައިފިއެވެ. މިއީ ރާއްޖޭގެ ތާރީޚުގައި މިހާތަނަށް މީހެއްގެ މައްޗަށް އިއްވި އެންމެ ދިގު ޖަލު ހުކުމެވެ.

މަންޑޭގެ މައްޗަށް ޖުމްލަ 94 ދައުވާ ސާބިތުވެފައިވާއިރު، އޭގެ ތެރޭގައި ހިމެނެނީ ޓެކުމުގެ 46 ދައުވާއާއި، އޮޅުވާލުމުގެ އަމަލެއް ކުރުމުގެ 44 ދައުވާއާއި، ސައްހަ ނޫން ލިޔުމެއް ދިނުމުގެ 3 ދައުވާގެ އިތުރުން މަނީ ލޯންޑްރިންގެ 1 ދައުވާއެވެ. ޖަލު ހުކުމުގެ ބޮޑުބައި ހިއްސާކުރަނީ ޓެކުމުގެ ދައުވާތަކެވެ. އެގޮތުން ކޮންމެ ދައުވާއަކަށް 8 އަހަރުގެ މަގުން 368 އަހަރުގެ ހުކުމެއް ވަނީ އިއްވާފައެވެ.

މީގެ އިތުރުން، އޮޅުވާލުމުގެ ދައުވާތަކަށް 14 އަހަރު، މަނީ ލޯންޑްރިންގެ ކުށަށް 15 އަހަރު، އަދި ސައްހަ ނޫން ލިޔުން ދިނުމުގެ ދައުވާތަކަށް ދޮޅު އަހަރުގެ ޖަލު ހުކުމެއް ވަނީ އިއްވާފައެވެ. ޖަލު ހުކުމުގެ އިތުރުން، މަނީ ލޯންޑްރިންގެ ކުށުގައި 30 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށް، ހުޅުމާލެއިން އޭނާ ގަނެފައިވާ ޕެންޓްހައުސް ދައުލަތަށް ނެގުމަށް ވެސް ކޯޓުން ވަނީ އަމުރުކޮށްފައެވެ.

މި މައްސަލަ ބެއްލެވި ގާޒީ އަލީ ނަދީމް ވިދާޅުވީ، މަންޑޭ ކުށްކޮށްފައިވާ ގޮތަށް ބަލާއިރު އަދަބުގެ މިންވަރު މަތިކުރަން ޖެހޭ ހާލަތްތަކެއް ހުރި ކަމަށާއި އަދި މިފަދަ އަމަލުތައް ކުރާ އެހެން މީހުންނަށް އިބުރަތަކަށް ވާނެ ފަދަ އަދަބެއް ދޭންޖެހޭ ކަމަށް ގާޒީ ފާހަގަކުރެއްވިއެވެ.

ކޭޕާކު ރެސިޑެންސްގެ މަސައްކަތްކުރި ހަންބޯ ކުންފުނިން 2023 ވަނަ އަހަރު ބުނެފައިވަނީ، ކުންފުންޏަށް ނޭނގި މަންޑޭ ވަނީ މަކަރާއި ހީލަތުން ގިނަ ބަޔަކަށް އެޕާޓްމަންޓުތައް ވިއްކާފައި ކަމަށެވެ. މިކަން ކޮށްފައިވަނީ ކުންފުނީގެ އެމްޑީގެ ސޮއި ފޯޖުކޮށްގެން ބޭންކް އެކައުންޓްތަކެއް ހުޅުވައިގެން ކަމަށް ތުހުމަތުކުރެވެއެވެ. ފުލުހުންގެ ތަހުގީގަށް އެނގިފައިވާ ގޮތުގައި، މަންޑޭ ދިރިއުޅުނު 7.8 މިލިއަން ރުފިޔާގެ ޕެންޓްހައުސްއިން އެކަނިވެސް 7 މިލިއަނެއްހާ ރުފިޔާގެ އަގުހުރި މުދާ ފެނިފައިވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *