Tuesday, 28 July 2026
ހައިކޮމިޝަނަރު ޝްރީ ޖީ. ބާލަސުބްރަމާނިއަން

އިންޑިއާ ހައިކޮމިޝަނުން އައިޓެކް ދުވަސް 2025 ފާހަގަކޮށްފި

އިންޑިއަން ޓެކްނިކަލް އެންޑް އިކޮނޮމިކް ކޯޕަރޭޝަން (އައިޓެކް) ގެ ދުވަސް އިންޑިއާގެ ހައި ކޮމިޝަނުން ފާހަގަކޮށްފިއެވެ. މި ރަސްމިއްޔާތު ބާއްވާފައިވަނީ މިއަދު ހަވީރު ހުޅުމާލޭގެ ވޯޓަރ އެޖްގައެވެ.

މި ރަސްމިއްޔާތުގައި އިންޑިއާއިން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހައިކޮމިޝަނަރު ޝްރީ ޖީ. ބާލަސުބްރަމާނިއަން ވަނީ އައިޓެކް ޕްރޮގްރާމަކީ 1964 ވަނަ އަހަރު ފެށި ޕްރޮގްރާމެއްކަން ފާހަގަކުރައްވާފައެވެ. އަދި މިއަދު މި ޕްރޮގްރާމް ދިވެހިރާއްޖެ އިތުރުން ދުނިޔޭގެ 160 އެއްހާ ގައުމަށް ފުޅާވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

ހައިކޮމިޝަނަރުގެ ވާހަކަފުޅުގައި މި ޕްރޮގްރާމްގެ ތާރީހީ ފެށުމަށް އަލިއަޅުއްވާލަމުން، ވިދާޅުވި ގޮތުގައި 1947 ވަނަ އަހަރު އިންޑިއާއަށް މިނިވަންކަން ލިބުނުއިރު، ކުރިއަށްދާނެ މާ ބޮޑު ވަސީލަތްތަކެއް ނެތުމުން އެ ދުވަސްވަރު އެކުވެރި ގައުމުތަކުގެ އެހީތެރިކަމާއި އެއްބާރުލުން ހޯދަން ޖެހުނެވެ. ހާއްސަކޮށް ތައުލީމީ ދާއިރާއިން އެހީތެރިކަމަށް އެދިފައިވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

"މުޅި ދުނިޔެއަކީ އެއް އާއިލާއެއް ކަމަށް މާނަކުރެވޭ 'ވަސުދައިވަ ކުލުމްބަކަމް' ގެ މަފްހޫމުގެ ދަށުން މިއީ އިންޑިއާގެ ހާރިޖީ ސިޔާސަތުގެ އަސާސީ ބިންގާ. އަޅުގަނޑުމެން ނިންމީ އަޅުގަނޑުމެންނަށް ލިބިފައިވާ ތަޖުރިބާތައް ދުނިޔޭގެ ހުރިހާ އެކުވެރި ގައުމުތަކަކާއި، ހާއްސަކޮށް 'ގްލޯބަލް ސައުތު' ގެ ގައުމުތަކާ ހިއްސާކުރުމަށް،".. ހައިކޮމިޝަނަރު ވިދާޅުވިއެވެ.

މިހާރު މި ޕްރޮގްރާމްގެ ދަށުން 400 އަށްވުރެ ގިނަ ކޯސްތައް ހިންގަމުންދާއިރު، ކޮންމެ އަހަރަކު ގާތްގަނޑަކަށް 400,000 މީހުން އިންޑިއާގައި ތަމްރީނު ހޯދަމުންދާކަން ހައިކޮމިޝަނަރު ފާހަގަކުރެއްވިއެވެ. މިއީ އިންޑިއާގެ ފަންނީ އަދި އިގްތިސާދީ އެއްބާރުލުން ދުނިޔޭގެ ފެންވަރުގައި ފުޅާވަމުންދާ މިންވަރު އަންގައިދޭ ކަމަށްވެސް ހައިކޮމިޝަނަރ ހާމަކުރެއްވިއެވެ.

ދިވެހިރާއްޖެއަށް މި ޕްރޮގްރާމުން ލިބޭ ފުރުސަތުތަކާ ގުޅޭގޮތުން ވާހަކަދައްކަވަމުން ހައިކޮމިޝަނަރު ވިދާޅުވީ، ކޮންމެ އަހަރަކު މަދަނީ ދާއިރާއިން 300 އަށްވުރެ ގިނަ ސްކޮލަރޝިޕް އަދި ދިފާއީ ދާއިރާއިން އިތުރު 300 ސްކޮލަރޝިޕް ރާއްޖެއަށް ފޯރުކޮށްދޭ ކަމަށެވެ. މިއީ ރާއްޖޭގެ އެކުވެރިންގެ ގާބިލުކަން އިތުރުކުރުމަށާއި ހުނަރު ތަރައްގީކުރުމަށް ލިބޭ ވަރަށް ބޮޑު އެހީތެރިކަމެއްގެ ގޮތުގައި ހައިކޮމިޝަނަރ ހާމަކުރެއްވިއެވެ.

މި ރަސްމިއްޔާތުގައި ހައުސިން މިނިސްޓަރު ޑރ. އަލީ ހައިދަރުވެސް ވަނީ ބައިވެރިވެވަޑައިގެންފައެވެ.

 

.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *