މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމްޕީއެލް) ގެ ޑިއުޓީގައި ހުއްޓާ ފިޓުޖެހިގެން މޫދަށް ވެއްޓުނު މުވައްޒަފަކަށް އައިޖީއެމްއެޗްގައި ފަރުވާދެމުންދަނިކޮށް މިއަދު ނިޔާވެއްޖެއެވެ. މި ހާދިސާގައި ނިޔާވެފައިވަނީ ގއ. ދެއްވަދޫ، ދެކޮނުގެ، އުމުރުން 30 އަހަރުގެ އަމީން ޢަބްދުލްޙަމީދެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދު ހެނދުނު 10:46 އެހާކަންހާއިރު ކަމަށް އެމްޕީއެލްއިން މައުލޫމާތުދެއެވެ. ފުލުހުން ބުނި ގޮތުގައި އަމީން ފިޓުޖެހިގެން ވެއްޓުނީ ދެ ޓަގުބޯޓު ދޭތެރެއަށެވެ. އޭނާ މޫދުން ނަގައިގެން ވަގުތުން ހޮސްޕިޓަލަށް ގެންދެވުނު ނަމަވެސް، ހޮސްޕިޓަލާ ހަވާލާދީ ފުލުހުން ބުނީ އޭނާ ހޮސްޕިޓަލަށް ގެންދިޔައިރުވެސް ނިޔާވެފައިވާ ކަމަށެވެ.
މި ހިތާމަވެރި ހާދިސާއާ ގުޅިގެން އެމްޕީއެލްގެ އެންމެހާ މުވައްޒަފުންގެ ނަމުގައި ކުންފުނިން ވަނީ ނިޔާވި މުވައްޒަފުގެ އާއިލާއަށް ފުން ތައުޒިޔާއެއް ފޮނުވާފައެވެ.
މި ހާދިސާ ހިނގަން މެދުވެރިވި ސަބަބު ފުލުހުން ދަނީ އިތުރަށް ތަހުގީގު ކުރަމުންނެވެ.


