Tuesday, 28 July 2026
މަސްޖިދުލްއީމާން

އަންނަ ރަމަޟާން މަހަށް ރާއްޖެއިން ބޭރުން ޙާފިޒުން ގެނައުމަށް ވިސާ ދޫކުރަން ފަށައިފި

1447 ވަނަ އަހަރުގެ ރަމަޟާން މަހު މިސްކިތްތަކުގައި އިމާމުވެ ތަރާވީޙް ނަމާދުކުރުމަށް ރާއްޖެއިން ބޭރުން ޙާފިޒުންނާއި ޤާރީން ގެނައުމަށް ބޭނުންވާ ވިސާ ދޫކުރުމުގެ އުސޫލުތައް ކަމާބެހޭ އިދާރާތަކުން ހާމަކޮށްފިއެވެ. އިމިގްރޭޝަނުން ބުނިގޮތުގައި މި އިންތިޒާމަކީ ރަމަޟާން މަހުގެ ރޭތައް އިޙްޔާކޮށް، މިސްކިތްތަކުގައި ފުރިހަމަ ގޮތުގައި އަޅުކަން ކުރިއަށް ގެންދިއުމަށް މަގުފަހިކުރުމުގެ ގޮތުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މިނިސްޓްރީ އޮފް އިސްލާމިކް އެފެއާޒް އިން ހުއްދަ ދޫކޮށްފައިވާ ފަރާތްތަކަށް، ރާއްޖެއިން ބޭރުން ގެންނަ ޙާފިޒުންނާއި ޤާރީންނަށް 45 ދުވަހުގެ ސްޕެޝަލް ވިސާ އެއް ދޫކުރުމަށް އިމިގްރޭޝަނުން ވަނީ ނިންމާފައެވެ. މި ވިސާގެ ދަށުން ރަމަޟާން މަހާއި އޭގެ ފަހުން އަންނަ ދުވަސްތަކުގައި ދީނީ ޚިދުމަތްތައް ދިނުމުގެ ފުރުސަތު ލިބިގެންދާނެއެވެ.

ވިސާ އަށް އެދި ހުށަހަޅަންޖެހޭނީ މޯލްޑިވްސް އިމިގްރޭޝަންގެ "އިމުގާ" ޕޯޓަލް މެދުވެރިކޮށެވެ. މިގޮތުން ވިސާ އަށް އެދޭއިރު ހުށަހަޅަންޖެހޭނީ "ސްޕެޝަލް ވިސާ" ފޯމު މެދުވެރިކޮށް ކަމަށް ކަމާބެހޭ އިދާރާތަކުން މައުލޫމާތުދެއެވެ.

ޙާފިޒުން ގެނައުމަށް ވިސާއަށް އެދޭއިރު ހުށަހަޅަންޖެހޭނީ "ސްޕެޝަލް ވިސާ" ފޯމު މެދުވެރިކޮށެވެ. މިގޮތުން ވިސާއަށް އެދި ހުށަހަޅާއިރު ބޭނުންވާ މުހިންމު ލިޔެކިޔުންތަކުގެ ތެރޭގައި މިނިސްޓްރީ އޮފް އިސްލާމިކް އެފެއާރޒް އިން ދޫކޮށްފައިވާ ހުއްދަ އާއި، އެފަރާތެއްގެ ޕާސްޕޯޓު ޑާޓާ ޕޭޖްގެ ސާފު ކުލަ ކޮޕީއެއް ހިމެނެއެވެ.

އާއިލާގެ މެންބަރުންނާއެކު ރާއްޖެ އަންނަ ޙާފިޒުންނާއި ގާރީންނަށް ޚާއްޞަ އުސޫލުތަކެއް ވަނީ ކަނޑައަޅާފައެވެ. އެގޮތުން އެފަދަ ފަރާތްތައް ރާއްޖެ އައުމުގެ ކުރިން އިމުގާ ޕޯޓަލް މެދުވެރިކޮށް 'ސްޕޮންސަރޝިޕް ޑެކްލަރޭޝަން' އަށް ހުށަހަޅައި ހުއްދަ ހޯދަންވާނެއެވެ. މިފަދަ ފަރާތްތަކަށް ރާއްޖެއަށް އެތެރެވާއިރު ދޫކުރާނީ 30 ދުވަހުގެ އޮން އެރައިވަލް ޓޫރިސްޓު ވިސާއެކެވެ.

30 ދުވަހަށްވުރެ އިތުރަށް ރާއްޖޭގައި މަޑުކުރަން ބޭނުންވާ ފަރާތްތަކުން، ވިސާގެ މުއްދަތު ހަމަވުމުގެ ކުރިން އިމުގާ ޕޯޓަލް މެދުވެރިކޮށް ވިސާ އިތުރުކުރުމަށް ހުށަހަޅަންޖެހޭނެއެވެ. މިގޮތުން ވިސާ އިތުރުކުރަން ހުށަހަޅަންޖެހޭނީ "ޓޫރިސްޓު ވިސާ " ފޯމާ އެކު ބޭނުންވާ އެހެނިހެން ލިޔެކިޔުންތަކާއެކުގައެވެ.

މީގެ އިތުރުން އިމިގްރޭޝަންގެ މިންގަނޑުތަކަށް ފެތޭ ޕާސްޕޯޓު ސައިޒުގެ ފޮޓޯއަކާއި، "ޕާމިޓް ޑެކްލަރޭޝަން ފޯމު" އަދި "ވިސާއަށް އެދޭ ފަރާތުގެ މަޢުލޫމާތު ފޯމު"  ހުށަހަޅަންޖެހޭނެ ކަމަށް އިމިގްރޭޝަނުން ބުނެއެވެ.

ވިސާގެ ކަންކަން އަވަސްކުރުމަށްޓަކައި، އެޕްލިކޭޝަން ހުށަހަޅާ ތާރީޚުން ފެށިގެން ރަސްމީ 7 ދުވަހުގެ ތެރޭގައި ވިސާއާ މެދު ގޮތެއް ނިންމައި، އެކަން އިމުގާ ޕޯޓަލް މެދުވެރިކޮށް އެ ފަރާތަކަށް އަންގާނެ ކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ.

ކޮންމެ އަހަރަކުވެސް ރަމަޟާން މަހު ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ތަރާވީޙް ނަމާދު ކުރުމަށްޓަކައި އިސްލާމީ ގައުމުތަކުން ގިނަ އަދަދެއްގެ ޙާފިޒުން ރާއްޖެ ގެނެއެވެ. މިފަހަރުގެ އިންތިޒާމުތައް ކުރިއަށް ގެންދިއުމުގައި މިނިސްޓްރީގެ ހުއްދަ އޮތް ފަރާތްތަކުން ކަނޑައެޅިފައިވާ އުސޫލުތަކާ އެއްގޮތަށް އަމަލުކުރުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *