Tuesday, 28 July 2026

ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ، ހޫދު 23 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފި

ޓެރަރިޒަމްގެ ތިން ދައުވާއެއް ސާބިތުވެ، ހޫދު މުހައްމަދު ޒާހިރު 23 އަހަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.

ޕްރޮސެކިއުޓަރު ޖެނެރަލްގެ އޮފީހުން ހޫދުގެ މައްޗަށް ދައުވާ އުފުލާފައިވަނީ 2015 ވަނަ އަހަރުން ފެށިގެން 6 ޖަނަވަރީ 2022 ގެ ނިޔަލަށް، ތަފާތު އެކި ނަންނަމުގައި ސޯޝަލް މީޑިއާ އެކައުންޓްތައް ހަދައިގެން އައިއެސްގެ ޕްރޮޕެގެންޑާ ފެތުރުމުގައި އަމަލީ ގޮތުން ބައިވެރިވި ކަމަށް ބުނެއެވެ.

އޭނާ ވަނީ އެކި ބަސްބަހުން ތައްޔާރުކޮށްފައިވާ ލިޔުންތަކާއި، ފޮޓޯ އަދި ވީޑިއޯތައް ހިއްސާކޮށް، އައިއެސްގެ ޚަބަރު ފަތުރާ މީޑިއާ އޮޕަރޭޓަރެއްގެ ހައިސިއްޔަތުން މަސައްކަތް ކޮށްފައެވެ.

އެ މައްސަލައިގައި މިއަދު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިޔަ ޝަރީއަތުގައި ހޫދުގެ މައްޗަށް ވަނީ، ޓެރަރިސްޓް ޖަމާއަތެއްގެ މެންބަރަކަށް ވުމުގެ ދައުވާ ސާބިތުވެ، 15 އަހަރަށް ޖަލަށް ލާން ހުކުމްކޮށްފައެވެ.

އޭގެއިތުރަށް، ޓެރަރިސްޓު ޖަމާއަތަކަށް ތާއިދުކުރުމުގެ ދައުވާއާއި ޓެރަރިސްޓް ޖަމާޢަތަކަށް ތާއީދުކުރާ މީހެއްކަމަށް ދޭހަވާފަދަ ލިޔުމާއި ކުރެހުމާއި ފޮޓޯ ގެންގުޅުމުގެ ދައުވާ ވެސް ވަނީ ހޫދުގެ މައްޗަށް ސާބިތުވެފައެވެ.

އެހެންވެ، މި މައްސަލައިގައި އޭނާގެ މައްޗަށް ވަނީ 23 އަހަރުގެ ޖަލު ހުކުމެއް ކޮށްފައެވެ.

ތަހުގީގުން ހާމަވެފައިވާ ގޮތުގައި، ހޫދު ވަނީ އޭނާގެ ފޯނު ބޭނުންކޮށްގެން ދުނިޔޭގެ އެކި ގައުމުތަކުގައި ތިބި އައިއެސްއަށް ތާއީދުކުރާ މީހުންނާ މުއާމަލާތުކޮށްފައެވެ. އަދި މިކަންކަން ސިއްރުކުރުމަށްޓަކައި ހާއްސަ އެޕްލިކޭޝަންތަކެއް ބޭނުންކޮށްފައިވާކަން ވެސް ޕީޖީ އޮފީހުން ފާހަގަކޮށްފައިވެއެވެ.

 

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *