އިސްލާމިކް މިިނިސްޓްރީން އަންނަ އަހަރަށް ކަނޑައެޅި އެކްޝަން ޕްލޭނާއި އެކްޓިވިޓީ ކަލަންޑަރު މިއަދު އިފްތިތާހުކޮށްފި އެވެ.
މިކަމަށްޓަކައި މިއަދު އެ މިނިސްޓްރީގެ ޖަލްސާކުރާ މާލަމުގައި ބޭއްވި ޚާއްސަ ރަސްމިއްޔާތެއްގައި އެކްޝަން ޕްލޭން އިފްތިތާޙްކޮށްދެއްވީ އިސްލާމިކް މިނިސްޓަރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ.
އެ މިނިސްޓްރީން ބުނީ އެ އެކްޝަން ޕްލޭނަކީ މިނިސްޓްރީން އެކި ދާއިރާތަކުން 2026 ވަނަ އަހަރު ކުރުމަށް ހަމަޖެހިފައިވާ މުހިއްމު މަސައްކަތްތައް ތަފްސީލް ގޮތެއްގައި ހިމެނިފައިވާ އެކްޝަން ޕްލޭނެއްކަމަށާއި އެ މިނިސްޓްރީގެ މަސައްކަތްތައް ރާވާލެވިފައިވަނީ މި އެކްޝަން ޕްލޭނުގައި ވާ ގޮތަށް ކަންކަން ޙަސިލްކުރެވޭނެ މަގުންކަމަށެވެ.
އިސްލާމިކް މިނިސްޓްރީން ބުނި ގޮތުގައި، 2024 ވަނަ އަހަރާއި މި އަހަރަށް ވެސް އެކްޝަން ޕްލޭނަކާ އެކު މިނިސްޓްރީގެ މަސައްކަތްތައް ކުރިއަށް ގެންދިޔައިރު، އެ ޕްލޭންތަކުގައި ހުރި ގިނަ ކަންކަން ވަނީ ހާސިލްކުރެވިފަ އެވެ.
މިއަދުގެ ރަސްމިއްޔާތުގައި މިނިސްޓަރު ޝަހީމް ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ މެނިފެސްޓޯގައިވާ "އިސްލާމީ ނޫރު ދިވެހިރާއްޖެއަށް" ފެތުރުމުގެ މުހިންމު މަސްއޫލިއްޔަތު ކުރިއަށް ގެންދަނީ ވަރަށް ވެސް މަތިވެރި އަޒުމަކާއި އިހުލާސްތެރިކަމާ އެކު، ދިވެހި އުންމަތުގެ ތެރޭގައި އިސްލާމްދީނުގެ ހިދާޔަތުގެ ނޫރު ފެތުރުމަށް ކަމަށެވެ.
އިސްލާމިކް މިނިސްޓްރީގެ އެކްޝަން ޕްލޭނަކީ އެ މިނިސްޓްރީގެ ހުރިހާ ސެކްޝަނެއް ގުޅިގެން ބޮޑެތި މަޝްވަރާތަކަކާއެކު އެކުލަވާލެވިފައިވާ އެކްޝަން ޕްލޭނެކެވެ.


