ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ބިން ހިއްކުމުގެ ބޮޑު މަޝްރޫއު އަންނަ މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް އެއްކޮށް ނިންމާލެވޭނެ ކަމަށް އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބު ވިދާޅުވެއްޖެއެވެ. ވަޒީރު މިކަން ހާމަކުރެއްވީ އެ ވުޒާރާގެ މަސައްކަތްތަކާ ގުޅޭގޮތުން މައުލޫމާތު ދިނުމަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައެވެ. މި މަޝްރޫއުގެ ދަށުން ހިއްކުމަށް ކަނޑައަޅާފައިވާ 63 ހެކްޓަރުގެ ތެރެއިން 47 ހެކްޓަރު މިހާރު ވަނީ ހިއްކާ ނިންމާފައެވެ.
ވަޒީރު ވިދާޅުވި ގޮތުގައި ސަރުކާރުގެ އަމާޒަކީ އަންނަ ޖީލުތަކަށް ރައްކާތެރިކަން ކަށަވަރުކޮށްދޭނެ ފަދަ ބޯހިޔާވަހިކަމުގެ މަޝްރޫއުތަކެއް ކުރިއަށް ގެންދިއުމެވެ. އެގޮތުން، އާއިލާތަކަށް ހަމަޖެހިލައިގެން އުޅެވޭނެ މާހައުލެއް ގާއިމްކޮށްދިނުމަށްޓަކައި، އެއް ކޮޓަރި ނުވަތަ ދެ ކޮޓަރީގެ ބަދަލުގައި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް ސަރުކާރުން އިސްކަންދޭނެ ކަމަށް އޭނާ ފާހަގަކުރެއްވިއެވެ. މި މަސައްކަތްތައް ބައްޓަންކުރަނީ ރައްޔިތުންނަށް ވީހާވެސް ލުއިފަސޭހަވާނެ ގޮތެއްގެ މައްޗަށެވެ.
ބިން ހިއްކާ ނިމުމާއެކު، މި ޖަނަވަރީ މަހުގެ ތެރޭގައި ބިމުގެ ރަޖިސްޓްރީ ހެދުމުގެ މަސައްކަތް ފަށާނެ ކަމަށާއި، އިންވަކިކޮށް ނިމޭ މިންވަރަކުން ގޯތިތައް ހަވާލުކުރަން ފަށާނެ ކަމަށްވެސް ވިދާޅުވިއެވެ. މި މަސައްކަތް އަވަސްކުރުމަށްޓަކައި ބޮޑެތި ޑްރެޖަރުތައް ބޭނުންކޮށްގެން ބާރު ސްޕީޑުގައި މަސައްކަތް ދަނީ ކުރިއަށެވެ.
ހުޅުމާލެ ފޭސް 3 ހިއްކުމުގެ މަސައްކަތަކީ 2023 ވަނަ އަހަރު ފެށި މަޝްރޫއެކެވެ. އެކި ސަބަބުތަކާ ހުރެ މަސައްކަތް މެދުކެނޑިފައި އޮތުމަށްފަހު، މިދިޔަ ނޮވެމްބަރު މަހުން ފެށިގެން ވަނީ އަލުން މަސައްކަތް ފަށާފައެވެ. މި ސަރަހައްދުން 'ބިންވެރިޔާ' ސްކީމުގެ ދަށުން ގޯތި ލިބުނު ފަރާތްތަކުގެ މެދުގައި މިހާރު ވަނީ ގުރުއަތުލުން ބާއްވާފައެވެ. އެގޮތުން 7 ސައިޒެއްގެ ޖުމްލަ 698 ގޯތީގެ ގުރުއަތުލުން މިހާރު ވަނީ ނިންމާލާފައެވެ.


