ސްކޭމްގެ އެކި މައްސަލަތަކުގައި އާންމުންގެ އަތުން ގެއްލޭ ފައިސާ އަނބުރާ ހޯދައިދޭ މިންވަރު 37 އިންސައްތައަށް އިތުރުކުރެވިފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.
ފުލުހުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ވިދާޅުވީ، މިއަހަރުގެ މާރިޗު މަހުގެ 17 ވަނަ ދުވަހު އެންޓި ސްކޭމް ސެންޓަރު ގާއިމުކޮށް މަރުކަޒީ އުސޫލުން މަސައްކަތް ފެށުމުގެ ކުރިން ފައިސާ ހޯދޭ މިންވަރު ހުރީ އެންމެ 2 އިންސައްތައިގައި ކަމަށެވެ. ނަމަވެސް އާ ނިޒާމުގެ ދަށުން މިހާތަނަށް 22.7 މިލިއަން ރުފިޔާ ގެއްލިގެން ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން 8.5 މިލިއަން ރުފިޔާ ވަނީ އަނބުރާ ހޯދައިދީފައެވެ.
ފުލުހުންގެ ތަފާސްހިސާބުތަކަށް ބަލާއިރު، އެންޓި ސްކޭމް ސެންޓަރުގެ މަސައްކަތް ފެށި ފަހުން 10 މަސް ދުވަހުގެ ތެރޭގައި ޖުމްލަ 1,663 މައްސަލައެއް ވަނީ ހުށަހަޅާފައެވެ. މީގެ ތެރެއިން 539 މައްސަލައެއްގައި ގެއްލުނު ހުރިހާ ފައިސާއެއް ހޯދާފައިވާއިރު، 143 މައްސަލައެއްގައި ގެއްލުނު ފައިސާގެ އެއްބައި ވަނީ ހޯދިފައެވެ. އަދި މި މުއްދަތުގެ ތެރޭގައި 662 މައްސަލައަކަށް ހައްލު ހޯދައިދީ ބަންދުކޮށްފައިވާއިރު، 6 މައްސަލައެއްގައި ވަނީ ދައުވާ ކުރުމަށް ފޮނުވާފައެވެ.
އެންޓި ސްކޭމް ސެންޓަރުގެ ވެރިޔާ އާދަމް ނަވީދު ވިދާޅުވީ، ރާއްޖެއިން ފައިސާ އަނބުރާ ހޯދާ މިންވަރަކީ ދުނިޔޭގެ ކުރިއަރާފައިވާ ގައުމުތަކާ އަޅާބަލާއިރު ބޮޑު ކުރިއެރުމެއް ކަމަށެވެ. "މިއީ ދުނިޔޭގެ ކުރިއަރާފައިވާ 12 ގައުމެއްގެ ނަތީޖާއާ އަޅާބަލާއިރު ވަރަށް ބޮޑު އިތުރުވުމެއް. އަޅުގަނޑުމެންގެ ނަތީޖާއާ ގާތްކުރާ ގައުމަކަށް އޮތީ ސިންގަޕޫރު، އެ ގައުމަށް ރިކަވަރ ކުރެވުނީ 22 އިންސައްތަ،" ނަވީދު ފާހަގަކުރެއްވިއެވެ. މިހާރު ގާއިމުކުރެވިފައިވާ ނިޒާމުގެ ތެރެއިން ވަރަށް ހިތްހަމަޖެހޭ މަސައްކަތްތަކެއް ކުރެވެމުންދާކަން އޭނާ ފާހަގަކުރެއްވިއެވެ.
ބައިނަލްއަގުވާމީ ގޮތުން ކުރެވޭ މަސައްކަތްތަކުގެ ދަށުން، ސިންގަޕޫރުގެ އިސްނެގުމަށް ހިންގާ 'ފްރޮންޓިއަރ ޕްލަސް' އޮޕަރޭޝަންގައި ބައިވެރިވެ، ދުނިޔޭގެ 12 ގައުމެއްގެ އެންޓި ސްކޭމް ސެންޓަރުތަކާ ރާއްޖެއިން މިހާރު ވަނީ ގުޅިފައެވެ. މި ގުޅުމުގެ ސަބަބުން ރާއްޖެއިން ބޭރަށް ފޮނުވާލާ ފައިސާ ހޯދުމަށް ފަސޭހަވެގެން ގޮސްފައިވާކަން ފުލުހުން ފާހަގަކުރެއެވެ. އެގޮތުން ދާދިފަހުން ހިންގި 250,000 ޑޮލަރުގެ ސްކޭމް މައްސަލައެއްގައި، ރާއްޖެއިން ބޭރުވި ފައިސާ އެ ގައުމުތަކުގެ ބޭންކިން ނިޒާމުގެ ތެރެއިން އަނބުރާ ގެނައުމުގެ މަސައްކަތް ކުރަމުންދާކަން ފުލުހުން ވަނީ ހާމަކޮށްފައެވެ.


