ހުޅުމާލޭގައި ތަރައްގީކޮށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓުތައް، ބިދޭސީންނަށް ކުއްޔަށް ދޭ ނަމަ ފިޔަވަޅު އަޅާނެ ކަމަށް ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ބުނެފިއެވެ.
އެޗްޑީސީން ކުރި އިއުލާނެއްގައި ބުނީ ހުޅުމާލޭގައި ތަރައްގީކޮށް ޝަރުތު ހަމަވާ ފަރާތްތަކަށް ސަރުކާރުން ދޫކޮށްފައިވާ ސޯޝަލް ހައުސިން ޔުނިޓްތައް ބައެއް ފަރާތްތަކުން ގަވައިދާ ހިލާފަށް ބިދޭސީންނަށް ކުއްޔަށް ދެމުންދާކަން ފާހަގަކުރެވޭ ކަމަށެވެ.
އަދި މިފަދަ ފްލެޓްތަކުން ޖެނުއަރީ 3 ގެ ކުރިން ބިދޭސީން ހުސްކުރުމަށް އެޗްޑީސީން ވަނީ އަންގާފައެވެ. މި މުއްދަތަށްފަހު ގަވާއިދާ ހިލާފަށް ބިދޭސީންނަށް ފްލެޓް ދީފައިވާނަމަ، އެއްބަސްވުން ބާތިލް ކުރާނެ ކަމަށް ވެސް އެ ކޯޕަރޭޝަނުން ވަނީ އިއުލާންކޮށްފައެވެ.
ފްލެޓް ލިބިފައިވާ ފަރާތްތަކުން އެޗްޑީސީއާއިއެކު ވެފައިވާ އެއްބަސްވުމާއި އެއްގޮތައް އަމަލުކުރުމަށް އިލްތިމާސްކޮށް އެޗްޑީސީން ވަނީ މިފަދަ ކަންކަމުގައި އާންމު ފަރާތްތަކުން އެ ކޯޕަރޭޝަންއަށް ދެމުންދާ އެއްބާރުލުން ފާހަގަކޮށްފައެވެ.


