ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަން މި ސަރަހައްދުގެ ބައެއް ގައުމުތަކުގައި ދިވެހިން ގާއިމްވެ ތިބޭ ކަމަށާއި، އިންޓަޕޯލް މެދުވެރިކޮށް އެ މީހުން ހޯދުމުގެ މަސައްކަތްކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް ކޮންޓްރޯލް، އަހުމަދު ނާއިފް ވިދާޅުވީ، ސައުތު އީސްޓް އޭޝިޔާ ސަރަހައްދުގައި ދިވެހިން ޤާއިމްވެ ތިބެގެން މަސްތުވާތަކެތި ރާއްޖެއަށް ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަވެފައިވާ ކަމަށެވެ.
އެގޮތުން މެލޭޝިއާގައި ތިބެގެން އެއާ ކާގޯ އަދި ސީ ކާގޯ މެދުވެރިކޮށް، އިލެކްޓްރޯނިކް އަދި ބަދިގެ ސާމާނުތަކުގައި ހިމެނޭ އަވަނާއި ތެލި ފަދަ ތަކެތީގައި މަސްތުވާތަކެތި ކޮންސީލްކޮށްގެން ޑްރަގްސް އެތެރެކުރާ ތިން ދިވެހިން ފާހަގަކުރެވިފައިވާ ކަމަށް ނާއިފް ވިދާޅުވިއެވެ.
މިކަން ހާމަކުރައްވަމުން ނާއިފް ވަނީ، ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ޤާއިމްވެގެން ތިބި ކަމުގައި ވިޔަސް އެފަދަ ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލްގެ ރެޑް ނޯޓިސް ނެރެގެން ވިޔަސް، ރާއްޖެ ގެނެސްގެން ތަހުގީގު ހިންގާނެ ކަމުގެ އިންޒާރު ދެއްވާފައެވެ. އަދި ޑްރަގްސްގެ ތުހުމަތުތައް ކުރެވޭ މީހުން ރާއްޖެއިން ފިލައިގެން ދާން އުޅެނިކޮށް ހިފަހައްޓާފައިވާ ކަމަށާއި އަދި ގެރެންޓާއިންގެ ގޮތުގައި ބޭރު ގައުމަށް ދިއުމާއި ރަހީނުކުރުން ފަދަ ކަންކަމާ ހެދި ގައުމުތަކުގެ އެހީތެރިކަން ވެސް ހޯދާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
އޭގެ އިތުރުން މިއަދުގެ ނޫސް ކޮންފަރެންސްގައި ނާއިފް ވަނީ މި މަހުގެ 20 ވަނަ ދުވަހުގެ ނިޔަލަށް ތަހުގީގު ކޮށްފައިވާ މަސްތުވާތަކެތީގެ 648 މައްސަލައެއްގެ ތެރެއިން 335 މައްސަލަ ޕީޖީ އޮފީހަށް ފޮނުވާފައިވާ ކަމަށްވެސް ވިދާޅުވެފައެވެ.


