Thursday, 29 October 2026

މާލެ ސަރަހައްދުގައި ތަކުރާރުކޮށް ވައްކަންކުރާ 1000 އެއްހާ މީހުން އުޅޭކަމަށް ފުލުހުން ބުނެފި

މާލެ ސަރަހައްދުގައި ތަކުރާރުކޮށް ވައްކަމާއި ފޭރުމުގެ ކުށްތަކަށް އަރައިގަންނަ 1000 އެއްހާ މީހުން އުޅޭކަމަށް ލަފާކުރެވޭ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ހާމަކޮށްފިއެވެ.

މާލެ ފުލުހުންގެ ޚިދުމަތުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ސުޕްރިންޓެންޑެންޓް އޮފް ޕޮލިސް ޢަބްދުﷲ ރަޝީދު ވިދާޅުވީ، މިއަހަރުގެ މިހާތަނަށް ރިޕޯޓްކޮށްފައިވާ 3،449 މައްސަލައިގެ ތެރެއިން 1،425 މައްސަލައަކީ ވައްކަމާއި ފޭރުމުގެ މައްސަލަތައް ކަމަށެވެ. މީގެ ތެރޭގައި އެންމެ ގިނައީ ސައިކަލު ވަގަށް ނެގުމުގެ މައްސަލަތަކެވެ.

ތަފާސްހިސާބުތަކަށް ބަލާއިރު، މިއަހަރުގެ ތެރޭގައި 967 ސައިކަލެއް ވަގަށް ނެގި ކަމަށް ރިޕޯޓްކޮށްފައިވާއިރު، ފުލުހުން ކުރި މަސައްކަތުން އޭގެ ތެރެއިން 865 ސައިކަލު ވަނީ ހޯދައި ވެރިފަރާތްތަކާ ހަވާލުކޮށްފައެވެ. މީގެ އިތުރުން، ވައްކަމާއި ފޭރުމުގެ އެކި މައްސަލަތަކުގައި ހިމެނޭ 50 މިލިއަނަށްވުރެ ގިނަ ރުފިޔާގެ މުދަލާއި ފައިސާ އަނބުރާ ހޯދާފައިވާ ކަމަށްވެސް ފުލުހުން މައުލޫމާތު ދީފައިވެއެވެ.

ކުށްކުރުން ތަކުރާރުކުރާ މީހުންގެ މައްސަލައަށް އަލިއަޅުއްވާލައްވަމުން ޢަބްދުﷲ ރަޝީދު ވިދާޅުވީ، ފާހަގަކުރެވިފައިވާ 1000 އެއްހާ މީހުންގެ ތެރޭގައި 128 ފަހަރު ހައްޔަރުކޮށްފައިވާ މީހުންވެސް ހިމެނޭ ކަމަށެވެ. މިފަދަ މީހުންގެ ތެރޭގައި ގިނައީ މަސްތުވާތަކެތި ބޭނުންކުރާ މީހުންކަން ފާހަގަކުރައްވައި، އޭނާ ވިދާޅުވީ ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހާއި ކްރިމިނަލް ކޯޓާ ގުޅިގެން މިފަދަ ރިޕީޓް އޮފެންޑަރުން މުޖުތަމައުން އެކަހެރިކޮށް، އަވަހަށް ހުކުމް ކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށެވެ.

މިއަހަރުގެ ތެރޭގައި ވައްކަމާއި ފޭރުމުގެ 2،542 މައްސަލައެއްގެ މަސައްކަތް ފުލުހުން ވަނީ ނިންމާފައެވެ. މީގެ ތެރެއިން 107 މައްސަލައެއްގައި ދައުވާ ކުރުމަށް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައިވާއިރު، ކުށްކުރާ މީހުން މުޖުތަމައުން އެކަހެރިކުރުމަށް ފަށާފައިވާ ހާއްސަ މަސައްކަތުގެ ނަތީޖާ ކުރިއަށް އޮތް ހައެއްކަ މަސް ދުވަހުގެ ތެރޭގައި ފެންނާނެ ކަމަށް ފުލުހުން އުންމީދު ކުރެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *