މި ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ނޭޝަނަލް ފައިނޭންޝިއަލް އިންކްލޫސިވް ސްޓްރެޓެޖީ (އެން.އެފް.އައި.އެސް) އަދި ނޭޝަނަލް ސަސްޓޭނަބަލް ފައިނޭންސް ރޯޑްމެޕް (އެން.އެސް.އެފް.އާރ) އިފްތިތާޙުކޮށްދެއްވާފައެވެ. މިއީ ރާއްޖޭގެ މާލީ ނިޒާމުގެ ތެރެއިން ލިބޭ ޚިދުމަތްތައް ފުޅާކޮށް، މޫސުމަށް އަންނަ ބަދަލުތަކުން ރައްކާތެރިވުމަށް މާލީ ދާއިރާގެ ދައުރު އިތުރުކުރުމުގެ މަޤުޞަދުގައި އެކުލަވާލާފައިވާ ދެ ސްޓްރެޓެޖީއެވެ.
މީގެ ތެރެއިން މާލީ ބައިވެރިވުމާ ގުޅޭ ސްޓްރެޓެޖީގެ ސަބަބުން މާލީ ޚިދުމަތްތަކަށް ފަސޭހައިން ވާޞިލުވެވޭނެ މަގު ތަނަވަސްވެގެންދާނެއެވެ. އަދި ސަސްޓެއިނަބަލް ފައިނޭންސް ރޯޑްމެޕްގެ ދަށުން ތިމާވެއްޓާ ރައްޓެހި އަދި ދެމެހެއްޓެނިވި ތަރައްޤީއާ ގުޅުންހުރި މާލީ އުފެއްދުންތައް ތަޢާރަފްކޮށް، އިއާދަކުރަނިވި ހަކަތައާއި ސަސްޓެއިނަބަލް ހައުސިންގ ފަދަ ދާއިރާތަކަށް ބޭނުންވާ ފަންޑު މާލީ ނިޒާމުގެ ތެރެއިން ލިބޭނެ އިންތިޒާމުތައް ހަމަޖެހިގެންދާނެއެވެ.
މީގެ އިތުރުން، ރާއްޖޭގެ ޕޭމަންޓް ސިސްޓަމް ތަރައްޤީކޮށް ޒަމާނީ ޚިދުމަތްތަކެއް ފޯރުކޮށްދިނުމަށްޓަކައި އެމް.އެމް.އޭ އިން އުފެއްދި "ޕޭމަންޓް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް" ވެސް މި ރަސްމިއްޔާތުގައި ވަނީ އިފްތިތާޙުކޮށްފައެވެ. މި ކުންފުނި އިފްތިތާޙުކޮށްދެއްވީ ގަވަރުނަރު އަޙްމަދު މުނައްވަރެވެ. މި ކުންފުނީގެ މައިގަނޑު މަސްއޫލިއްޔަތަކީ 'ފަވަރަ' އާއި އޭސީއެޗް ފަދަ ރީޓެއިލް ޕޭމަންޓް ސިސްޓަމްތައް ވަކި މެނޭޖްމަންޓެއްގެ ދަށުން ހަރުދަނާކޮށް ހިންގުމެވެ.
މި ރަސްމިއްޔާތު ނިންމާލުމުގެ ގޮތުން، މަރުކަޒީ ބޭންކުގެ މަސައްކަތްތަކަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށްދީފައިވާ ފަސް ފަރާތެއްގެ އަގުވަޒަންކޮށް، އެ ފަރާތްތަކަށް ހަނދާނީ ފިލާ އަރުވާފައިވެއެވެ.


