ކ. ކަނޑޫމާ ތިލަ ކައިރިން މަރުވެފައި އޮތް ބިދޭސީ ފިރިހެނެއްގެ ހަށިގަނޑު މިއަދު ފެނިފައިވާ ކަމަށް ފުލުހުން ބުނެފިއެވެ. ފުލުހުން ހާމަކުރި ގޮތުގައި، މި ހާދިސާގެ މައުލޫމާތު އެމީހުންނަށް ލިބިފައިވަނީ މިއަދު ހެނދުނު 10:17 ހާއިރުއެވެ. މިކަމާ ގުޅިގެން ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނާއި، ބަލަންޖެހޭ ކަންކަން ބަލަމުންނެވެ.
މަރުވެފައި އޮއްވައި ފެނުނު މި ބިދޭސީ މީހާ ފެނުނު ކަނޑޫމާ ތިލައަކީ ޑައިވިން ޕޮއިންޓެއްގެ ގޮތުގައި މަޝްހޫރު ތަނެކެވެ. މި ހާދިސާއާ ގުޅިގެން، ކަނޑުމަތީގައި މަރުވެފައިވާ މީހެއްގެ ހަށިގަނޑު އޮޔާ ދާ މަންޒަރު ފެންނަ ވީޑިއޯއެއް މިއަދު ސޯޝަލް މީޑިއާގައި ދައުރުވަމުން އެބަދެއެވެ.
ރާއްޖޭގައި ޑައިވިން އަދި ސްނޯކްލިންއަށް ގޮސް އުޅޭ ބިދޭސީން ގެއްލިގެން ރިޕޯޓްކުރުމާއި ކަނޑަށް މަރުވުމުގެ ހާދިސާތައް ވަރަށް އާންމެވެ. މިފަދަ ހާދިސާތައް ތަކުރާރުވަމުންދާ މި ދުވަސްވަރު، އއ. އުކުޅަހުން ވެސް ރަޝިއާގެ މީހަކު ގެއްލިގެން ހޯދުމުގެ މަސައްކަތް ދަނީ ކުރިއަށެވެ. މީގެ އިތުރުން، މިދިޔަ ހަފުތާގެ ތެރޭގައި ވެސް ކޮންޓެއިނަރު އުފުލާ ދޯނިކުން ވެއްޓުނު މީހެއްގެ ހަށިގަނޑު ކަނޑުމަތިން މަރުވެފައި އޮއްވައި ފެނިފައިވެއެވެ.
ފުލުހުން މިހާރު ދަނީ މި ޙާދިސާ ތަހުގީގު ކުރަމުންނެވެ.


