Tuesday, 28 July 2026

ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހީގެ ގޯތިތަކުގެ ގުރުއަތުލުން އަލުން ފަށައިފި

ހައުސިން މިނިސްޓްރީގެ ބިންވެރިޔާ ސްކީމުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކޮށްފައިވާ ގޯތިތަކުގެ ގުރުއަތުލުމުގެ މަސައްކަތް މިއަދު ފަށައިފި އެވެ. މި މަސައްކަތް ކުރިއަށް ގެންދަނީ މާލޭ ކަލާފާނު ސްކޫލުގަ އެވެ. މި ގުރުއަތުލުން އަލުން ނެގުމަށް ނިންމާފައިވަނީ ހުޅުމާލޭގެ މާސްޓަ ޕްލޭނަށް ގެނެވުނު ބަދަލުތަކާއި، ހުޅުމާލެ ފިޔަވަހި ތިނެއްގެ ލޭންޑް ޔޫސް ޕްލޭނަށް ބަދަލު އައިސްފައިވާތީ، ކުރިން ގޯތި ލިބިފައިވާ ފަރާތްތަކުގެ ގޯތީގެ ސަރަޙައްދަށް ބަދަލު އައިސް، އައު ލޮޓް ނަންބަރެއް ކަނޑައެޅިގެން ދާނެތީ އެވެ.

މާލެ ސަރަޙައްދުން ބަންޑާރަ ގޯތި ދޫކުރުމުގެ އުސޫލުގެ ދަށުން ހުޅުމާލެ ތިންވަނަ ފިޔަވަހިން ޖުމްލަ 698 ގޯތި ދޫކޮށްފައިވެ އެވެ. މި ގުރުއަތުލުން އަލުން ނެގުމުގެ ސަބަބުން، ކުރިން ގޯތި ލިބިފައިވާ ހުރިހާ ފަރާތްތަކަށް ވެސް އައު ޕްލޮޓް ނަންބަރެއް ކަނޑައެޅިގެން ދާނެއެވެ. މިކަމުގެ ސަބަބުން ގޯތި ލިބޭ ފަރާތްތަކަށް އިތުރު ޔަގީންކަމެއް ލިބިގެންދާނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.

ހުޅުމާލެ ތިންވަނަ ފިޔަވަހިން ދޫކުރާ 698 ގޯތީގެ ތެރޭގައި އެކި ބޮޑުމިނުގެ ގޯތިތައް ހިމެނެ އެވެ. އެގޮތުން 1،650 އަކަފޫޓުގެ 181 ގޯއްޗާއި، 2،050 އަކަފޫޓުގެ 242 ގޯއްޗާއި، 2،450 އަކަފޫޓުގެ 132 ގޯއްޗާއި، 2،850 އަކަފޫޓުގެ 62 ގޯއްޗާއި، 3،250 އަކަފޫޓުގެ 41 ގޯއްޗާއި، 3،650 އަކަފޫޓުގެ 16 ގޯއްޗާއި، 4،000 އަކަފޫޓުގެ 24 ގޯތި ހިމެނެ އެވެ. ގުރުއަތު ނެގުމަށް ހަމަޖެހިފައިވާ ސަރަޙައްދަށް ކޮންމެ ޕްލޮޓަކަށް ވަދެވޭނީ އެކަކަށެވެ. އަދި ބަދަލުގައި ހާޒިރުވާ ފަރާތްތަކުން އެކަން އަންގައިދޭ ލިޔުމާއި، ގޯތީގެ ވެރިފަރާތުގެ އަދި ބަދަލުގައި ހާޒިރުވާ ފަރާތުގެ އައިޑީ ކާޑުގެ ކޮޕީ ހުށަހަޅަން ޖެހެ އެވެ.

ގުރުއަތު ނެގުން ކުރިއަށްދާ އިރު، ގޯތި ލިބިފައިވާ ފަރާތަށް ހަމަޖެހޭ ޕްލޮޓް 'ހިޔާވެހި' ޕޯޓަލް އިން ވަގުތުން ފެންނާނެ އިންތިޒާމު ހަމަޖައްސާފައިވެ އެވެ. އަދި އެފަރާތަކަށް ލިބޭ ޕްލޮޓް ނަންބަރު އެސްއެމްއެސްގެ ޒަރިއްޔާއިން ވެސް އަންގާނެ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *