Tuesday, 28 July 2026
އަލްހާން ފަހުމީ -- ފޮޓޯ: އެޓޯލް ޓައިމްސް

ޕޮންޒީ ސްކީމާ ގުޅިގެން އަލްހާންގެ ކުންފުނިން ފަސް ލައްކަ ރުފިޔާ ދެއްކުމަށް ހުކުމް ކޮށްފި

ކުރީގެ މަޖިލީސް މެންބަރު އަލްހާން ފަހުމީ އާއި އޭނާގެ ޢާއިލާގެ މަސްލަޙަތު އޮންނަ ކިންގްސް ކެޕިޓަލް ކުންފުނީގެ މައްޗަށް، އޮންލައިން ޓްރޭޑިންގ ސްކީމެއްގައި ފައިސާ އިންވެސްޓްކުރި ހޯރަފުށީ މީހަކަށް ބައި މިލިއަނަށްވުރެ ގިނަ ރުފިޔާ ދެއްކުމަށް ސިވިލް ކޯޓުން ހުކުމްކޮށްފިއެވެ. މިދިޔަ ހަފްތާގައި އެފަރާތްތަކުގެ ޣައިރު ޙާޟިރުގައި ކޮށްފައިވާ މި ހުކުމުގައި ވަނީ 587،466 ރުފިޔާ 15 ދުވަހުގެ ތެރޭގައި ދެއްކުމަށެވެ. އެ ފައިސާގެ ތެރޭގައި ސްކީމަށް އިންވެސްޓް ކުރި އަސްލު ފައިސާ އާއި، ފައިދާގެ އިތުރުން ވަކީލު ފީ ވެސް ހިމެނޭ ކަމަށް ކޯޓު ލިޔުންތަކުން އެނގެއެވެ.

ކިންގްސް ކެޕިޓަލް ކުންފުނިން ހިންގި މި ސްކީމްގައި މީގެ ކުރީގައި ވަރަށް ގިނަ ބަޔަކު ބައިވެރިވެފައި ވެއެވެ. އެކި ފަރާތްތަކުން ގިނަ އަދަދެއްގެ ފައިސާ އިންވެސްޓްކޮށްފައި ވަނިކޮށް 2022 ވަނަ އަހަރުގެ މާޗް މަހުގައި އެ ކުންފުނީގެ އެކައުންޓްތައް ވަނީ ހިފަހައްޓާފައެވެ. ކިންގްސް ކެޕިޓަލްއާ ދެކޮޅަށް ހިންގި ޖިނާއީ ތަހުގީގާ ގުޅިގެން، އިންވެސްޓްކުރި ވަރަށް ގިނަ ބައަކަށް އަދިވެސް އެ ފައިސާ އަނބުރާ ލިބިފައެއް ނުވެއެވެ.

ފުލުހުން އޭރު ތުހުމަތުކޮށްފައިވަނީ ކިންގްސް ކެޕިޓަލްއިން މާލީ ސެކިއުރިޓީގެ ގާނޫނާއި ގަވާއިދުތަކާ ހިލާފަށް ފައިސާ ހޯދައި އެ ފައިސާ ލޯންޑާކޮށްފައިވާ ކަމަށެވެ. ނަމަވެސް، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އަލްހާން ފަހްމީ ވަނީ އޭނާގެ މައްޗަށް ކޮށްފައިވާ ތުހުމަތުތައް ދޮގުކޮށް، އެއީ ވިޔަފާރީގެ މުޢާމަލާތްތަކެއް ކަމަށް ބުނެފައެވެ. ފުލުހުންގެ ތަހުގީގަށްފަހު، އަލްހާން އާއި އޭނާގެ ދެ ކޮއްކޮއިންގެ މައްޗަށް ޓެކްސް އާއި ގުޅޭ 13 ދައުވާ އުފުލުނެވެ.

މި މައްސަލަތައް ކުރިއަށްދަނިކޮށް، ޕްރޮސެކިއުޓާ ޖެނަރަލްގެ އޮފީހުން މިދިޔަ އޮކްޓޫބަރު މަހުގެ 30 ވަނަ ދުވަހުވަނީ އެ 13 ދައުވާ އަނބުރާ ގެންގޮސްފައެވެ. ޕީޖީ އޮފީހުން ބުނެފައިވާ ގޮތުގައި، ދައުވާލިބޭ ފަރާތްތަކުން އެ 13 ފަރާތަށް ބަދަލުދީ ޚަލާސް ކޮށްފައިވާކަމަށް ބަޔާންކޮށް، ދައުވާތައް މުރާޖައާކޮށް ދިނުމަށް އެދިފައިވާތީ، އެ ދައުވާތައް އަނބުރާ ގެންދިޔައީ ކަމަށެވެ. މިހާރު ސިވިލް ކޯޓުން މިވަނީ އިންވެސްޓަރުންނަށް ފައިސާ ދެއްކުމަށް ކުންފުނީގެ މައްޗަށް ހުކުމްކޮށްފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *