Tuesday, 28 July 2026

ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރި ދޯންޏެއް ދިޔަވެ އަޑިޔަށް، ދޯނި ދުއްވި މީހާ ސަލާމަތްކޮށްފި

ށ. ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދަނިކޮށް، އެ ދޯނިން ދަތުރުކުރި މީހާ ސަލާމަތްކޮށްފިއެވެ. މި ހާދިސާ ހިނގާފައިވަނީ މިއަދުގެ މެންދުރުގެ ވަގުތެއްގައެވެ.

ފުލުހުން މައުލޫމާތު ދެއްވި ގޮތުގައި، ފުނަދޫއިން ފީވަކަށް ދަތުރުކުރަމުންދިޔަ ދޯންޏެއް ދިޔަވެ އަޑިޔަށް ދާކަމުގެ ރިޕޯޓު ލިބުމާއެކު ފުލުހުންގެ ލޯންޗެއް ވަނީ އެސަރަހައްދަށް ގޮސް ހާދިސާ ހިނގި ތަނަށް ގޮސް ރެސްކިއު އެންޑް ސާޗް އޮޕަރޭޝަން ފައްޓާފައެވެ.

އެގޮތުން ފުލުހުން އެސަރަހައްދުގައި ބަލަމުންދަނިކޮށް، ދޯނިން ދަތުރުކުރި މީހާ ފީވަކަ ކައިރިން، ކަނޑުތެރެއިން ފެނިފައިވާ ކަމަށާއި، އެމީހާއަކީ 68 އަހަރުގެ ފިރިހެނެއްކަމަށް ފުލުހުން މައުލޫމާތު ދެއްވައެވެ. ސަލާމަތްކުރި މިމީހާ ވަނީ ފުލުހުންގެ ލޯންޗުގައި ފީވަކަށް ގެންގޮސްފައެވެ. އަދި މިހާރު އެމީހާގެ ހާލު ރަނގަޅުކަމަށްވެސް ފުލުހުން ވިދާޅުވެފައިވެއެވެ.

މިހާތަނަށް ބެލިބެލުމުން އެމީހާ ދަތުރުކޮށްފައިވަނީ އެކަނިކަން އެނގިފައިވާ ކަމަށް ފުލުހުން ވަނީ ހާމަކުރައްވާފައެވެ.

އަދި ދޯނި ދިޔަވުމުގެ ސަބަބުން ދޯނީގެ ބައެއް ތަކެތި އޮޔާ ދާތީ، އެ ސަރަހައްދުން ދަތުރުކުރާ ފަރާތްތަކުން ހާއްސަ ސަމާލުކަމެއް ދެއްވައިގެން ދަތުރުކުރެއްވުމަށް ފުލުހުން ވަނީ އިލްތިމާސްކުރައްވާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *