Tuesday, 28 July 2026

އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކުން ރާއްޖޭގެ ސިއްހީ ދާއިރާއަށް 400،000 ޑޮލަރުގެ ހިލޭ އެހީއެއް ދީފި

ރާއްޖޭގެ ޞިއްޙީ ދާއިރާ ހަރުދަނާކުރުމަށް އިސްލާމިކް ޑިވެލޮޕްމަންޓް ބޭންކް (އައިއެސްޑީބީ)އިން 400،000 ޑޮލަރު (ގާތްގަނޑަކަށް 6.1 މިލިއަން ރުފިޔާ)ގެ ހިލޭ އެހީއެއް ރާއްޖެއަށް ދީފި އެވެ. މި އެހީގެ ދަށުން ރާއްޖޭގެ ޞިއްޙީ ނިޒާމްގެ ތަފާތު ދާއިރާތައް ކުރިއެރުވުމަށް މަސައްކަތް ކުރާނެއެވެ. މި އެހީ ދިނުމުގެ އިއުލާން ކޮށްފައިވަނީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ބޭއްވި މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް (ޔޫއެޗްސީ) ފޯރަމުގައި އެވެ. މި ފައިސާއަކީ ދުނިޔޭގެ ޞިއްހަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ)ގެ ހެލްތު އިމްޕެކްޓް އިންވެސްޓްމަންޓް ޕްލެޓްފޯމް (އެޗްއައިއައިޕީ) ޕްރޮގްރާމުގެ ތެރެއިން ލިބުނު އެހީއެކެވެ.

ހެލްތު މިނިސްޓްރީން ހާމަކުރެއްވި ގޮތުގައި، މި ހިލޭ އެހީގެ ދަށުން ޕްރައިމަރީ ހެލްތްކެއާއަށް އެހީތެރިވުމަށް އިސްކަންދޭނެއެވެ. މީގެ އިތުރުން، ޞިއްޙީ މަރުކަޒުތަކާއި ސަރަހައްދީ ހޮސްޕިޓަލްތަކުގެ މެދުގައި ރިފަރަލް ނިޒާމްތައް ހަރުދަނާކުރުމާއި، އިންސާނީ ވަސީލަތް ބިނާކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެއެވެ. އަދި ޞިއްޙީ މައުލޫމާތު ނިޒާމްތައް (ހެލްތު އިންފޮމޭޝަން ސިސްޓަމްސް) ހަރުދަނާކުރުމުގެ އިތުރުން، މޫސުމަށް އަންނަ ބަދަލުތަކާ ގުޅިގެން ޞިއްޙީ ދާއިރާއަށް ކުރިމަތިވާ ގޮންޖެހުންތަކަށް ހައްލު ހޯދުމަށް ވެސް މި އެހީ ބޭނުންކުރެވޭނެއެވެ.

މި އެހީގެ އިއުލާން ކުރެވުނު މޯލްޑިވްސް ނެޝަނަލް ޔުނިވާސަލް ހެލްތު ކަވަރޭޖް ފޯރަމް (ޔޫއެޗްސީ ފޯރަމް) ބާއްވާފައިވަނީ މިމަހުގެ 13 އިން 14 އަށް ކުރުނބާ ރިސޯޓްގައެވެ. މި ފޯރަމުގައި ރާއްޖެއާއި ބޭރުގެ 100 އަށްވުރެ ގިނަ ބައިވެރިން ބައިވެރިވިއެވެ. ބައިވެރިންގެ ތެރޭގައި ރާއްޖޭގެ ޞިއްޙީ ދާއިރާގެ އިތުރުން، ސަރުކާރުގެ ގުޅުންހުރި އިދާރާތަކާއި، ޞިއްޙީ ޚިދުމަތްދޭ އަމިއްލަ ފަރާތްތަކާއި، ތަޢުލީމާއި ތަމްރީންދޭ މަރުކަޒުތައް ހިމެނެއެވެ. ބައިނަލްއަޤްވާމީ ފަރާތްތަކުގެ ތެރެއިން އ.ދ. ގެ އިދާރާތަކާއި، ވޯލްޑް ބޭންކާއި އައިއެސްޑީބީ ފަދަ ތަރައްޤީގެ ބޭންކުތަކުން ވެސް ވަނީ ބައިވެރިވެފައެވެ.

މި ފޯރަމްގެ މައިގަނޑު މަޤްޞަދަކީ ރާއްޖޭގައި ޔޫއެޗްސީ ޙާޞިލުކުރުމަށްޓަކައި ކުރަންޖެހޭ މަސައްކަތްތައް ކަނޑައެޅުމެވެ. ޤައުމުތަކުގެ ތަޖްރިބާއަށް ބަލައި، އަދި ރާއްޖޭގެ ޞިއްޙީ ދާއިރާ ޑިޖިޓަލް ކުރުމަށް ސަރުކާރުން ފަށާފައިވާ ޕްލޭނަށް ރިޢާޔަތްކޮށް، 2026 އިން 2030 އަށް މަގުޗާޓެއް ވަނީ އެކުލަވާލާފައެވެ. މީގެ އިތުރުން، މި މަސައްކަތުގައި ބައިނަލްއަޤްވާމީ އިދާރާތަކުން ރާއްޖެއަށް ފަންނީ އަދި މާލީ އެހީތެރިކަން ދެވެންހުރި ދާއިރާތައް ވެސް ވަނީ މި ފޯރަމުގައި ކަނޑައަޅާފައެވެ.

ޔޫއެޗްސީ ފޯރަމްގައި ވަނީ ރާއްޖޭގެ ޞިއްޙީ ދާއިރާގެ ލަނޑުދަނޑިތައް ޙާޞިލުކުރުމަށްޓަކައި، ފަރުދީ، އާއިލީ އަދި ޖަމާޢަތުގެ ފެންވަރުގައި ފޯރުކޮށްދޭންޖެހޭ ޞިއްޙީ ޚިދުމަތްތައް ޤާއިމުކުރުމާ ގުޅޭގޮތުން ފުޅާ ދާއިރާއެއްގައި މަޝްވަރާކޮށްފައެވެ. އަދި ޞިއްޙަތުގެ ސިޔާސަތުތައް އެކަށައެޅުމާއި، ޞިއްޙީ ނިޒާމް ހަރުދަނާކުރުމަށް ކުރިއަށް އޮތްތަނުގައި ކުރަންޖެހޭ މުހިންމު މަސައްކަތްތަކަށް ވެސް ވަނީ އަލިއަޅުވާލާފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *