ނުކުޅެދުންތެރިކަން ހުންނަ މީހުންނަށް ދެވުނު ތެރަޕިއުޓިކް ފަރުވާތަކަށް މިދިޔަ ނޮވެމްބަރު މަހު ޖުމްލަ 12.3 މިލިއަން ރުފިޔާ ހަރަދުކޮށްފައިވާކަމަށް ނޭޝަނަލް ސޯޝަލް ޕްރޮޓެކްޝަން އޭޖެންސީ (އެންސްޕާ) އިން ހާމަކުރި ތަފާސްހިސާބުތައް ދައްކައިފިއެވެ.
އެންސްޕާގެ ތަފާސް ހިސާބުތަކުން ދައްކާގޮތުން މި ހަރަދުތަކުގެ ތެރެއިން އެންމެ ބޮޑު ހޭދައެއް ކޮށްފައި ވަނީ ބިހޭވިއާ ތެރަޕީއަށެވެ. އެގޮތުން ބިހޭވިއާ ތެރަޕީއަށް 3.5 މިލިއަން ރުފިޔާ ހޭދަކުރިއިރު، ދެން އެންމެ ބޮޑު ހޭދައެއް ކޮށްފައިވަނީ އޮކިއުޕޭޝަނަލް ތެރަޕީއަށް 3.4 މިލިއަން ރުފިޔާ އެވެ. ތިންވަނައަށް އެންމެ ގިނައިން ހަރަދުކުރި ސްޕީޗު ތެރަޕީއަށް 267 މީހުންނަށް 3.2 މިލިއަން ރުފިޔާ ހަރަދުކުރި ކަމަށް އެ އިދާރާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.
މިދިޔަ މަހު ދައުލަތުގެ ހަރަދުގައި ޖުމްލަ 359 މީހަކު ތެރަޕިއުޓިކް ފަރުވާ ހޯދާފައިވެ އެވެ. މި އަދަދުގެ ތެރެއިން 342 މީހުންނަކީ އުމުރުން 18 އަހަރުން ދަށުގެ ކުދިންނެވެ. ފަރުވާ ހޯދި މީހުންގެ ތެރެއިން އެންމެ ގިނައީ ފިރިހެނުން ކަމަށް ވެސް އެންސްޕާ އިން ހާމަކުރެ އެވެ. ފަރުވާ ހޯދި ޖުމްލަ 252 މީހުންނަކީ ފިރިހެނުންނެވެ. އަދި 18 އަހަރުން ދަށުގެ މީހުންގެ ތެރެއިން ވެސް ގިނައީ ފިރިހެނުންނެވެ. އެގޮތުން، 18 އަހަރުން ދަށުގެ 243 ފިރިހެނުންނަށް ވަނީ ތެރަޕިއުޓިކް ފަރުވާ ދެވިފަ އެވެ.
އެންސްޕާގެ ހަރަދުގައި ދެވުނު ތެރަޕީގެ ބާވަތްތަކުގެ ތެރޭގައި ބިހޭވިއާ ތެރަޕީ، އޮކިއުޕޭޝަނަލް ތެރަޕީ، ސްޕީޗު ތެރަޕީ، އާލީ އިންޓަވެންޝަން ތެރަޕީ، ސައިކޯ ތެރަޕީ، އެޑިއުކޭޝަނަލް ތެރަޕީ އަދި ފިޒިއޯ ތެރަޕީ ހިމެނެ އެވެ. މި ހުރިހާ ފަރުވާތަކުގެ ތެރެއިން އެންމެ ކުޑަ ހަރަދެއް ހިނގާފައިވަނީ އާލީ އިންޓަވެންޝަނަށެވެ. މި ފަރުވާ ހޯދި ދެ މީހުންނަށް މިދިޔަ މަހު އެންސްޕާ އިން ހަރަދުކުރީ 9،000 ރުފިޔާ އެވެ.
ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރުގައި މިދިޔަ ނޮވެމްބަރު މަހުގެ ނިޔަލަށް 14،398 މީހަކު ރަޖިސްޓަރީ ކޮށްފައިވެ އެވެ. މި އަދަދުގެ ތެރޭގައި 18 އަހަރުން ދަށުގެ 5،050 މީހުންނާއި، 18-64 އަހަރާ ދެމެދުގެ 7،613 މީހުންނާއި، 65 އަހަރުން މަތީގެ 2،275 މީހުން ހިމެނެ އެވެ. މުޅި ދަފްތަރަށް ބަލާއިރު ވެސް ގިނައީ ފިރިހެނުންނެވެ. ރަޖިސްޓަރީ ކޮށްފައިވާ 14،398 މީހުންގެ ތެރެއިން 8،669 މީހުންނަކީ ފިރިހެނުން ކަމަށް އެންސްޕާގެ ތަފާސްހިސާބުތަކުން ދައްކަ އެވެ.


