ނިޝާން ޢިއްޒުއްދީން ޢިއްޒަތުގެ ވެރިޔާ އަލްމަރްޙޫމް ޙަސަން ޞާބިރު މަސްވެރިކަމުގެ ދާއިރާއިން ކުރެއްވި ޚިދުމަތުގެ އަގު ވަޒަންކުރައްވައިފިއެވެ.
މަސްވެރިންގެ ދުވަސް ފާހަގަކުރުމުގެ ގޮތުން ރ. ދުވާފަރުގައި ބޭއްވި ރަސްމީ ޖަލްސާގައި މަސްވެރިކަމުގެ ސިނާއަތަށް ޚިދުމަތްކުރުމުގެ އިނާމު ހަވާލުކޮށްދެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒާއި ފިޝަރީޒް މިނިސްޓަރު އަޙްމަދު ޝިޔާމެވެ.
ނިޝާން އިއްޒުންދީންގެ ޢިއްޒަތުގެ ވެރިޔާ ޙަސަން ޞާބިރަކީ، 1993 އިން 1998 އަށް މަސްވެރިކަމާއި ދަނޑުވެރިކަމުގެ ވަޒީރުކަން ކުރެއްވި ބޭފުޅެކެވެ. ޙަސަން ޞާބިރުގެ ވަޒީރުކަމުގައި ދިވެހިރާއްޖޭގެ ފަރު މަސްވެރިކަން ރާވައި، ހިންގައި، ބެލެހެއްޓުމަކީ މުހިއްމު ކަމެއް ކަމަށް ދެކިވަޑައިގެން، އެކަމަށް މަސައްކަތްތަކެއް ފެއްޓެވިއެވެ. މިގޮތުން، ދުނިޔޭގެ ކާބޯތަކެއްޗާ ބެހޭ ޖަމްޢިއްޔާއާއި ގުޅިގެން ފަރުމަހާއި، މިޔަރުގެ އަދި ދިރޭ ކުދިމަހުގެ މަސްވެރިކަން މެނޭޖް ކުރުމާ ބެހޭ މަސައްކަތު ބައްދަލުވުންތައް ބާއްވަވައި، އެންމެ ފުރަތަމަ ފަހަރަށް ޤައުމީ މަހާސިންތާއެއް އިންތިޒާމް ކުރެއްވިއެވެ.
އޭގެ އިތުރުން، ޞާބިރުގެ ވަޒީރުކަމުގައި މަސްވެރިކަމާ ގުޅޭ ފޮތްތައް ޝާއިއުކުރެއްވިއެވެ. އެ ފޮތްތަކުގެ ތެރޭގައި އާންމުންގެ މެދުގައި އޭރު މަގްބޫލު "ފިޝަސް އޮފް ދަ މޯލްޑިވްސް" ފޮތް ހިމެނެއެވެ. އަދި މަސް ގަންނަ ފެސިލިޓީއެއްގެ ގޮތަށް ގއ. ކޫއްޑޫ ތަރައްގީކޮށް، ކޫއްޑޫގައި ކޯލްޑް ސްޓޯރޭޖް ގާއިމުކޮށް ދެކުނުގައި ސަރުކާރު މަސް ކުންފުނި މިފްކޯގެ އޮޕަރޭޝަންތައް ފުޅާކުރުމުގައި ޞާބިރުގެ ދައުރު ބޮޑެވެ.
ރޭގެ ޖަލްސާގައި ވަނީ 2023ވަނަ އަހަރާއި 2024ވަނަ އަހަރު މަސްވެރިކަމުގެ ސިނާއަތުގައި ފާހަގަކޮށްލެވޭ ނަތީޖާއެއް ހޯދި 31 ފަރާތަކަށް އިނާމު ދީފައެވެ. އޭގެ ތެރޭ ހިމެނެނީ 2024 ވަނަ އަހަރު މަސްވެރިކަމުގެ އިނާމު ލިބޭ 13 ފަރާތަކާއި 2023ވަނަ އަހަރު މަސްވެރިކަމުގެ އިނާމު ލިބޭ 18 ފަރާތެކެވެ.
މީގެތެރޭގައި ވަކިވަކި ފަރުދުންނާއި، މަސްވެރި ދޯނިތަކާއި އަދި މަސްވެރިކަމުގެ ސިނާޢަތުގައި މަސައްކަތް ކުރާ ކުންފުނިތައް ހިމެނެއެވެ.


