Thursday, 29 October 2026

ރައީސް މުޢިއްޒު މަސްވެރިންގެ ދުވަހުގެ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ދުވާފަރަށް ވަޑައިގެންފި

ރ. ދުވާފަރުގައި ފާހަގަކުރާ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ޝަރަފުވެރިކޮށްދެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒާއި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، މިއަދު ހެނދުނު އެރަށަށް ވަޑައިގެންފިއެވެ. ރައީސް އޮފީހުން މައުލޫމާތުދޭ ގޮތުގައި މިއީ އެއް ދުވަހުގެ ދަތުރުފުޅެކެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ދުވާފަރުގެ ތަރައްގީގެ ގިނަ މަޝްރޫޢުތަކެއްގެ ޢަމަލީ މަސައްކަތް ފައްޓަވައި ބައެއް މަސައްކަތްތަކުގެ ނިމުން ފާހަގަކުރެއްވުމަށް ހަމަޖެހިފައިވާ ކަމަށް ރައީސް އޮފީހުން ބުނެއެވެ. މި ދަތުރުފުޅުގައި ރައީސުލްޖުމްހޫރިއްޔާގެ އަރިހުގައި ބައެއް ވަޒީރުންނާއި ސަރުކާރުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިން ވެސް ބައިވެރިވެވަޑައިގަންނަވައެވެ.

މި ދަތުރުފުޅުގެ މައިގަނޑު މަޤްޞަދަކީ މިރޭ ބޭއްވުމަށް ހަމަޖެހިފައިވާ މި އަހަރުގެ މަސްވެރިންގެ ދުވަހުގެ ރަސްމީ ޖަލްސާ ޝަރަފުވެރިކޮށްދެއްވުމެވެ. އަދި މަސްވެރިންގެ ދުވަސް ފާހަގަކުރުމަށް ދުވާފަރުގައި މިހާރު ކުރިއަށްދާ އެކިއެކި ހަރަކާތްތަކުގައި ވެސް ރައީސް ބައިވެރިވެވަޑައިގަންނަވާނެއެވެ.

ރައީސް ދުވާފަރުގެ މަސްވެރިންގެ ދުވަހުގެ ހަރަކާތްތައް ބައްލަވަން ހަމަޖެހިފައިވާއިރު، މިހާރު ވެސް ބޮޑު ކަންނެލި މަސްވެރިންގެ ޔޫނިއަނުން ދަނީ ސަރުކާރުން މަސްވެރިންނަށް ވީ ވައުދުތައް ނުފުއްދާ ކަމުގެ ޝަކުވާ ކުރަމުންނެވެ. މި ކަންބޮޑުވުންތައް ފާޅުކުރުމަށް ބުދަ ދުވަހުގައި އިހުތިޖާޖެއް ވެސް ވަނީ ފަށައިފައެވެ. މި ހާލަތުގައި ރައީސް މަސްވެރިންނާ ބައްދަލުކުރައްވައި، އެމީހުންގެ ކަންބޮޑުވުންތައް އަޑުއައްސަވާނެކަމަށް ބެލެވެއެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *