Thursday, 29 October 2026

ޙައްޖު، ޢުމްރާ ކޮންފަރެންސް ފަށައިފި

ރާއްޖޭގައި ޙައްޖާއި ޢުމްރާގެ ޚިދުމަތްދޭ ކުންފުނިތައް އެއްތަނަކުން ބައްދަލުކޮށް، ދާއިރާއާ ގުޅޭ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް ބާއްވާ "ޙައްޖު، ޢުމްރާ ކޮންފަރެންސް އެންޑް އެގްޒިބިޝަން" މިއަދު ވަނީ ފަށައިފި އެވެ. މި ކޮންފަރެންސް ފެށުމުގެ ޚާއްޞަ ރަސްމިއްޔާތު ބާއްވާފައިވަނީ އިސްލާމީ މަރުކަޒުގެ ޖަލްސާކުރާ މާލަމުގަ އެވެ.

މި ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވީ ސަޢުދީ ޢަރަބިއްޔާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޔަޙްޔާ އަލްޤަހްޠާނީ އެވެ. މީގެ އިތުރުން ކޮންފަރެންސްގައި ބައިވެރިވެލެއްވުމަށް ސަޢުދީ ޢަރަބިއްޔާއިން ވަޑައިގަންނަވާފައިވާ އަލްސަފްވާ ފައުންޑޭޝަންގެ ބޭފުޅުން ވެސް ވަނީ މި ރަސްމިއްޔާތުގައި ބައިވެރިވެވަޑައިގެންފަ އެވެ.

ޙައްޖު ޢުމްރާ ކޮންފަރެންސްއަކީ ރާއްޖޭގައި މި ޚިދުމަތްދޭ ކުންފުނިތައް އެއް ތަނަކުން ބައްދަލުވެ، ދާއިރާއާއި ގުޅޭ މުހިއްމު ކަންކަމާއި މަޝްވަރާ ކުރުމާއި، ކުންފުނިތަކަށް ބޭނުންވާ މުހިއްމު މަޢުލޫމާތުތައް ހިއްސާކުރުމަށް ބާއްވާ ދެވަނަ ކޮންފަރެންސެވެ. މިފަދަ ކޮންފަރެންސްތަކުގެ ސަބަބުން ޙައްޖާއި ޢުމްރާގެ ދަތުރުތައް އިންތިޒާމުކުރުމުގެ ފެންވަރު ރަނގަޅުކުރުމަށް މަގުފަހިވެގެންދާނެ ކަމަށް ބެލެވެ އެވެ.

ކޮންފަރެންސްގެ ތެރެއިން މުހިއްމު މަޢުޟޫއުތަކަކަށް ޕެނަލް ޑިސްކަޝަންސް ބޭއްވުމަށް ހަމަޖެހިފައިވާއިރު، ޚާއްޞަ ވާހަކަ ދެއްކުމެއް ވެސް އޮންނާނެ އެވެ. އެއީ "ޙައްޖާއި ޢުމްރާގެ އަޅުކަމުގެ ލުއިފަސޭހަކަން: ޚިދުމަތުގެ ފެންވަރު" މި މަޢުޟޫއަށެވެ

މި އަހަރުގެ ކޮންފަރެންސާ އެކު ޢުމްރާ ކުންފުނިތަކުން ދޭ ޚިދުމަތްތައް އާއްމުންނަށް ފޯރުކޮށްދިނުމަށް ޚާއްޞަ އެގްޒިބިޝަނެއް ވެސް ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ. މި އެގްޒިބިޝަން ކުރިއަށްދާނީ މިއަދު ހަވީރު 5:00 އިން ފެށިގެން މާދަމާ ހުކުރު ދުވަހު ހަވީރު 4:00 އިން 7:00 އަށް އިސްލާމީ މަރުކަޒުގެ ލޮބީ ސަރަހައްދުގަ އެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *