ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން މިއަދު ބުނީ، މި ތިން މީހުން ޝަރުތުކޮށްފައި ބަންދުން ދޫކޮށްދިނުމަށް ކްރިމިނަލް ކޯޓަށް ހުށަހެޅުމުން އެ މީހުން ދޫކޮށްލާފައިވާ ކަމަށެވެ. ދިގައްޔާއި އާއްޓޭ ބަންދުން ދޫކޮށްލުމަށް ނިންމީ، އެ މީހުންގެ މައްޗަށް ކުރެވޭ ތުހުމަތަކީ އެ ކުށް ކުރުމަށް ރޭވުން ކަމަށްވާއިރު، އެ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާކަމުގެ ހެކި ލިބިފައި ނުވާތީ ކަމަށް ޕީޖީ އޮފީހުން ހާމަކުރެ އެވެ. އަދި އަބްދުއްރަހްމާން ބަންދުން ދޫކޮށްލީ ވެސް އޭނާއަކީ ވައްކަން ކުރުމުގައި އަމަލީގޮތުން ބައިވެރިވެފައިވާ ކަމަށް ތުހުމަތުކުރެވޭ މީހަކަށް ނުވާތީ ކަމަށް ޕީޖީން ބުނެފައިވެ އެވެ.
ނަމަވެސް، މި މައްސަލައިގައި މިހާރު ބަންދުގައި ތިބި އެހެން މީހުންގެ ބަންދަށް ބަދަލު ގެންނަން ޖެހޭ ހާލަތެއް ނެތް ކަމަށް ޕީޖީ އޮފީހުން ހާމަކުރެ އެވެ. އެއީ އެ މީހުންނަކީ ވައްކަން ކުރުމުގައި އަމަލީ ގޮތުން ބައިވެރިވެފައިވާ ކަމުގެ ތުހުމަތު އޮތް މީހުން ކަމަށްވާތީ އެވެ. މީގެ ތެރެއިން ބައެއް މީހުންނަކީ ދައުލަތުގެ މުވައްޒަފުންނަށްވެ ތިބެ، އެ ކުށް ކުރުމުގައި އެމީހުންގެ ރަސްމީ ހައިސިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރި ކަމަށް ތުހުމަތުކުރެވޭ މީހުން ކަމަށް ވެސް ޕީޖީން ފާހަގަކުރެ އެވެ.
މި މައްސަލައާ ގުޅިގެން ޖުމްލަ 11 މީހަކު ހައްޔަރުކޮށްފައިވާއިރު، އެ އެންމެންގެ މައްޗަށް ދައުވާކުރުމަށްޓަކައި މިހާރު ވަނީ ޕީޖީ އޮފީހަށް ފޮނުވާފަ އެވެ.


