Tuesday, 28 July 2026
މީގެކުރިން އަތުލައިގަތް ވޭޕް ޝިޕްމަންޓެއް

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު 10،800 ވޭޕް ކާޓްރިޖް އަތުލައިގެންފި

ކަނޑުމަގުން ރާއްޖެއަށް އެތެރެކުރުމަށް މަސައްކަތް ކުރި ގިނަ އަދަދެއްގެ ވޭޕް ކާޓްރިޖްތަކެއް ދިވެހިރާއްޖޭގެ ކަސްޓަމްސް ސަރވިސް (ކަސްޓަމްސް) އިން އަތުލައިގެންފި އެވެ. މި ޝިޕްމަންޓަކީ ވޭޕާއި އިލެކްޓްރޯނިކް ސިނގިރޭޓް ރާއްޖެއަށް އެތެރެކުރުން މަނާކުރަން ސަރުކާރުން ނިންމި ފަހުން، އެތެރެކުރަން މަސައްކަތް ކުރަނިކޮށް އަތުލައިގަތް އެންމެ ބޮޑު ޝިޕްމަންޓް ކަމަށް ކަސްޓަމްސްއިން ބުނެ އެވެ.

ކަސްޓަމްސްއިން މީޑިއާތަކަށް ދިން މައުލޫމާތުގައި ބުނެފައިވަނީ، ކަނޑުމަގުން ގެނައި މި މުދާ ޝިޕްމަންޓު ބަލައި ފާސްކުރީ ގާނޫނާއި ގަވާދާ ހިލާފު ތަކެތި ހުރިކަމަށް ޝައްކުކުރެވިގެން ކަމަށެވެ. މި އޮޕަރޭޝަން ހިންގާފައިވަނީ މި މަހުގެ 4 ވަނަ ދުވަހު މާލޭގެ ކޮމާޝަލް ހާބަރުގައެވެ. މި ހާއްސަ އޮޕަރޭޝަންގައި ޖުމްލަ 10،800 ވޭޕް ކާޓްރިޖް ވަނީ ހޯދާފައެވެ. ކަސްޓަމްސްއިން ލަފާކުރާ ގޮތުގައި މިތަކެތީގެ މަގުމަތީ އަގު 2.7 މިލިއަން ރުފިޔާއަށް އަރާނެއެވެ.ޓް

ރާއްޖޭގައި ވޭޕްގެ ބާވަތްތައް ބިއްކުމާއި ބޭނުންކުރުން މަނާކޮށްފައިވަނީ، މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 15 ވަނަ ދުވަހުއެވެ. މި ނިންމުމަށްފަހު، މިހާތަނަށް 66،000 އަށް ވުރެ ގިނަ ވޭޕް ވަނީ ކަސްޓަމްސްއިން ހިފަހައްޓާފައެވެ. މި މައްސަލަތައް މިހާރު ދަނީ ތަހުގީގު ކުރަމުން ކަމަށް ކަސްޓަމްސްއިން ވަނީ ހާމަކޮށްފައެވެ.

މަސްތުވާތަކެއްޗާއި، ވޭޕް ކުރަން ބޭނުންކުރާ ސާމާނުތަކާއި، ރާއްޖެއަށް އެތެރެކުރުން މަނާ ތަކެތި އެތެރެވުން ހުއްޓުވުމަށް ކަސްޓަމްސްއިން ދަނީ ގިނަ މަސައްކަތްތަކެއް ކުރަމުންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *