އައްޑޫ ހައި ސްކޫލުގެ ކްލާސްރޫމެއްގެ ތެރޭގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު މާރާމާރީއެއް ހިނގައި، އެ މަންޒަރު ދައްކުވައިދޭ ވީޑިއޯތަކެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެ އެވެ. މި ވީޑިއޯތައް ކްލާސްތެރޭގައި އިން ދަރިވަރަކު ފޯނުން ރެކޯޑްކޮށްފައިވާއިރު، މާރާމާރީ ހިންގާފައިވަނީ ސާނަވީ ގްރޭޑެއްގައި ކިޔަވާ ފިރިހެން ދަރިވަރަކާއި ބިދޭސީ ފިރިހެން ޓީޗަރަކާ ދެމެދު ކަމަށް ވަނީ އެނގިފަ އެވެ. މި ހާދިސާ ހިނގި ވަގުތެއް ސާފު ނުވި ނަމަވެސް، ވީޑިއޯތައް އާއްމުވެފައިވަނީ މިއަދު އެވެ.
ވީޑިއޯތަކުން ފެންނަ ގޮތުގައި މާރާމާރީގެ ފެށުން ގުޅިފައިވަނީ ދަރިވަރުގެ އަތުގައި އޮތް އެއްޗެއް (ފޯނެއް ކަމަށް ބެލެވޭ) ޓީޗަރު އަތުލަން މަސައްކަތް ކުރުމާ އެވެ. ޓީޗަރު ގަދަކަމުން އެ އެއްޗެއް އަތުލަން މަސައްކަތް ކުރުމުން، ދަރިވަރު އެ ނުދިނުމަށްޓަކައި ބިންމަތީގައި އިށީނދެ އެ އެއްޗެތި ޖީބަށްލަ އެވެ. އެއަށް ފަހު ދެމީހުންގެ ދެމެދުގައި ހަމަލާތައް ބަދަލުވާން ފަށާފައިވާކަން ވީޑިއޯތަކުން ދައްކަ އެވެ.
މާރާމާރީގެ ތެރޭގައި ދަރިވަރު ޓީޗަރުގެ ގައިގައި ޖަހާފައިވާއިރު، ޓީޗަރު ވެސް ދަރިވަރުގެ ގައިގައި ހިފަހައްޓާ މަންޒަރު ފެނެ އެވެ. އަދި ދަރިވަރު ޓީޗަރުގެ ގައިގައި ކޮޅުފައިން ވެސް ޖަހަން އުޅޭތަން ފެނިފައިވެ އެވެ. މިގޮތަށް ޓީޗަރާއި ދަރިވަރު އެތައް ފަހަރަކު އެކަކު އަނެކަކު ގައިގައި ޖަހާ، ހަމަލާތައް ބަދަލުކޮށްފައިވާކަން ވީޑިއޯތަކުން ވަރަށް ސާފުކޮށް ފެނެ އެވެ.
ކްލާސްރޫމެއްގެ ތެރޭގައި ޓީޗަރަކާއި ދަރިވަރަކާ ދެމެދު މިފަދަ ހާދިސާއެއް ހިނގާފައިވާއިރު، މިކަމާ ގުޅިގެން އައްޑޫ ހައި ސްކޫލުގެ އިސް ފަރާތަކުން އަދި މިހާތަނަށް އެއްވެސް ބަޔާނެއް ދީފައެއް ނުވެ އެވެ. އަދި އެޑިއުކޭޝަނުންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.


