ސްޓޭޓް ފާމަސޫޓިކަލް އެންޑް މެޑިކަލް ސަޕްލައި ކޯޕަރޭޝަން ލިމިޓެޑް (އެސްޕީއެމްއެސްސީ) ގެ ޑިރެކްޓަރުންގެ ބޯޑުގެ ޗެއާޕާސަންގެ މަގާމަށް އިބްރާހީމް ޢަބްދުއްރައްޒާޤު ޙަލީމް އައްޔަނުކޮށްފި އެވެ. ޙަލީމަކީ ސިއްހީ ދާއިރާގައި ފުޅާ ތަޖުރިބާ ހުރި ބޭފުޅެއް ކަމަށްވާއިރު، އޭނާ މިހާރު ވެސް ހުންނެވީ މާލެ ސިޓީ ގްރޫޕް އޮފް ހޮސްޕިޓަލްސްގެ ސީއީއޯގެ މަގާމުގަ އެވެ
އެސްޕީއެމްއެސްސީގެ ޗެއާޕާސަންގެ މަގާމަށް ޙަލީމް އައްޔަނުކުރިއިރު، އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރަކީ ޑރ. ޝާހް މާހިރެވެ. މީގެ އިތުރުން، ކުންފުނީގެ ބޯޑު މެމްބަރުންގެ ގޮތުގައި އައިޝަތު މުޙައްމަދާއި ޝިބާނާ އަބްދުﷲ ދީދީ ވެސް ވަނީ ކުރިން އައްޔަންކުރައްވާފަ އެވެ. މި ބޯޑުގެ އެންމެ އިސް މަސްއޫލިއްޔަތަކީ، ރައީސުލްޖުމްހޫރިއްޔާ އަށް ލިބިދޭ ބާރުގެ ދަށުން ސެޕްޓެމްބަރު 9 ގައި އުފެއްދި މި ކުންފުނީގެ މަޤުޞަދުތައް ހާސިލުކުރުމަށް މަގުފަހިކޮށްދިނުމެވެ.
އެސްޕީއެމްއެސްސީ އުފެއްދުމުގެ މައިގަނޑު އެއް މަޤުޞަދަކީ ޑޮކްޓަރީ ބޭހާއި، މެޑިކަލް ކޮންޒިއުމަބަލްސް އަދި މެޑިކަލް އިކުއިޕްމަންޓް ގަނޑުކޮށް ގަނެ ރާއްޖެއަށް އެތެރެކުރުމުގެ މަސައްކަތް ފުޅާކުރުމެވެ. މި މަސައްކަތްތައް ހަރުދަނާކުރުމުގެ އިތުރުން، އެތަކެތި ރާއްޖޭގެ އެކި ހިސާބުތަކަށް ފޯރުކޮށް ދިނުމުގެ އެންމެހައި މަސައްކަތް ކުރުމަކީ ވެސް މި ކުންފުނީގެ މުހިންމު ދައުރެކެވެ.


