މާލޭގެ މޭޔަރު އާދަމް އާޒިމް، އެމްޑީޕީގެ މެމްބަރުން ކުޑައިމީސްވާ ގޮތަށް ވާހަކަ ދެއްކެވި ކަމަށް ބުނެ، އެ ވާހަކަތަކަށް މާފަށް އެދިވަޑައިގަތުމަށް ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ އަހުމަދު ދީދީ ގޮވާލައްވައިފި އެވެ. މާރިޔާ މިހެން ވިދާޅުވީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބު ނާކާމިޔާބުވުމުން އެމްޑީޕީ "މާޔޫސްކަމުގެ ރަޖާލައިގެން" އޮއްވައި، މޭޔަރު ކަމުގެ އިންތިހާބަށް ނުކުންނަވައި ޕާޓީއަށް ރޫހު ގެނުވީ އޭނާ ކަމަށް އާޒިމް ވިދާޅުވުމާ ގުޅިގެންނެވެ.
މާލޭގެ މޭޔަރުކަމުގެ ދެވަނަ ދައުރަކަށް އެމްޑީޕީގެ ޓިކެޓުގައި ވާދަކުރައްވާ އާޒިމް، ކެމްޕޭން ޖަލްސާއެއްގައި ރޭ ވިދާޅުވީ، ވެރިކަން ގެއްލި އެމްޑީޕީ މާޔޫސްކަމުގެ ރަޖާ ލައިގެން އޮއްވައި "ރަޖާގަނޑު ދަށުން ނުކުމެ ހިތްވަރުކޮށްގެން މޭޔަރުކަމުގެ ގޮނޑި ހޯދައިދިނީ" އޭނާ ކަމަށެވެ. އާޒިމް ވަނީ މިކަން އިތުރަށް ހަރުދަނާ ކުރައްވައި، "މި އާދަމް އާޒިމަކީ ވެރިކަން ގެއްލި، ޕާޓީ މާޔޫސްކަމުގެ ރަޖާލައިގެން އޮތް ވަގުތު އެއްކަލަ ރަޖާގަނޑު ދަށުން ނުކުމެ، ހިތްވަރުކޮށްގެން މާލޭގެ މޭޔަރުކަމުގެ ގޮނޑި، އެމްޑީޕީއަށް ކާމިޔާބުކޮށް ޕާޓީއަށް ރޫހު ގެނުވައިދިން އާދަމް އާޒިމޭ،" މިފަދައިން ވެސް ވިދާޅުވެފަ އެވެ.
އެ ވާހަކައާ މެދު ނުރުހުން ފާޅުކުރައްވައި އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މާރިޔާ ވިދާޅުވީ، އެމްޑީޕީއަކީ އެތައް ގޮންޖެހުންތަކެއްގެ ތެރެއިން ވެސް ނުކުތް "ރީނދޫ ލަޝްކަރު" ކަމަށާއި، 2012 ވަނަ އަހަރު ވެރިކަމުން ވަކިކުރި އިރު ވެސް، އަދި 2013 ގައި ސިޔާސީ ގިނަ ފަރާތްތައް ޖަލަށް ލުމުން ވެސް ނުކުތީ އެމްޑީޕީ ކަމަށެވެ. މާރިޔާގެ ނުރުހުން ބޮޑަށް އަމާޒުވީ، އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަމުން، ޕާޓީގެ ހިތްވަރުގަދަ މެމްބަރުންނަށް ކުޑައިމީސްކޮށް، ޕާޓީގެ ހުރިހާ ހިތްވަރަކީ އާޒިމް ކަމަށް ވިދާޅުވުމަށެވެ.
މާރިޔާ ވިދާޅުވީ، އެމްޑީޕީގެ މަންމަގެ ހައިސިއްޔަތުން ވެސް، އަދި އެހެން އެތައް ހައިސިއްޔަތަކުން ވެސް އާޒިމް ދެއްކެވި ވާހަކަތަކަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
"އެމްޑީޕީގެ މެންބަރެއްގެ ގޮތުގައި ހުންނަވައި، އެމްޑީޕީގެ ޓިކެޓަށް ވާދަކުރައްވަމުން، އެމްޑީޕީގެ ހިތްވަރުގަދަ ރީނދޫ ލަޝްކަރަށް މިހާ ކުޑައިމީސްކޮށް ދެކިވަޑައިގެން އެމްޑީޕީގެ ހުރިހާ ވެސް ހިތްވަރަކީ މަނިކުފާނު ކަމަށް ވިދާޅުވެ މިމޭރުމުން ދެއްކެވި ވާހަކަތަކަކީ… އަޅުގަނޑަށް ބަލައިގަނެވޭނެ ކަމެއް ނޫނެވެ،" މާރިޔާ ވިދާޅުވި އެވެ.
އެހެންކަމުން، އެމްޑީޕީގެ ރީނދޫ ލަޝްކަރަށް ނިސްބަތްކުރައްވައި، އެމްޑީޕީ ހުން އައިސް ރަޖާލާ ފިލާ ތިއްބާ ނެރުނީ އާޒިމް ކަމަށް ވިދާޅުވެ ދެއްކެވި ވާހަކަފުޅަށް، އެމްޑީޕީގެ މެމްބަރުންގެ ކިބައިން މާފަށް އެދިވަޑައިގަތުމަށް މާރިޔާ ވަނީ އާޒިމަށް ގޮވާލައްވާފަ އެވެ.


