Tuesday, 28 July 2026

ހުޅުމާލޭގައި މަރުވެފައި އޮއްވާ ފެނުނު މީހާގެ ހަށިގަނޑުން 818 ގްރާމްގެ މަސްތުވާތަކެތި ނަގައިފި

ހުޅުމާލޭގައި ހުންނަ ގެސްޓްހައުސްއެއްގެ ތެރެއިން މަރުވެފައި އޮއްވާ ފެނުނު ނޭޕާލްގެ ފިރިހެނެއްގެ ހަށިގަނޑުގެ ތެރެއިން 818 ގްރާމްގެ މަސްތުވާތަކެތި ފުލުހުން ނަގައިފިއެވެ.

މިދިޔަ މަހުގެ 30 ވަނަ ދުވަހު ހިނގި މި ހާދިސާގައި މަރުވި މީހާގެ ހަށިގަނޑުގައި ޖުމްލަ 78 މަސްތުވާތަކެތީގެ ބުލެޓް ފޮރުވާފައި ހުއްޓާ ފެނިފައިވަނީ ހަށިގަނޑު ސީޓީ ސްކޭން ކުރުމަށްފަހުއެވެ. ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑުގައި ބޭރު ފުށުން އަނިޔާގެ ނިޝާނެއް ނެތް ނަމަވެސް، އޭނާގެ ގޮހޮރުގައި މަސްތުވާތަކެތި ހުރިކަން ސީޓީ ސްކޭންގެ ތެރެއިން ވަނީ ސާބިތުވެފައެވެ.

މި މައްސަލައިގައި ގާނޫނީ ގޮތުން އަމަލުކުރަންވީ ގޮތުގެ ލަފާ ޕްރޮސިކިއުޓާ ޖެނެރަލްގެ އޮފީހުން ހޯދުމަށްފަހު، މިދިޔަ އަންގާރަ ދުވަހު ޑޮކްޓަރެއްގެ އެހީތެރިކަމާއެކު އެ ތަކެތި ނަގާފައިވެއެވެ. މައުލޫމާތު ލިބިފައިވާ ގޮތުގައި، ހަށިގަނޑު ކުނިވެފައިވާ މިންވަރު ބޮޑުކަމުން، ސިއްހީ ހިދުމަތްދޭ ތަނެއްގައި މި އޮޕަރޭޝަން ނުކުރެވޭނެ ކަމަށް ޑޮކްޓަރުންގެ ލަފާ ލިބުމުން، އެ ތަކެތި ނަގާފައިވަނީ ހުޅުމާލޭ ސަހަރާގައެވެ. މި އޮޕަރޭޝަން ކުރިއަށް ގެންގޮސްފައިވަނީ އެކަމަށް ހާއްސަ ސްޕެޝަލިސްޓް ޑޮކްޓަރުންގެ ލަފައާ އެކުއެވެ.

މަރުވި މީހާގެ ހަށިގަނޑުން ނަގާފައިވާ މަސްތުވާތަކެތީގެ ޖުމްލަ ބަރުދަނަކީ 818 ގްރާމެވެ. ފުލުހުން ބުނީ ނެގުނު ތަކެއްޗަކީ ޖުމްލަ 78 މަސްތުވާތަކެތީގެ ބުލެޓް ކަމަށެވެ. މަސްތުވާތަކެތި އެތެރެކުރުމުގައި މިފަދަ ބުލެޓްތައް ދިރުވާލައިގެން އެތެރެކުރުމަކީ މަސްތުވާތަކެތި އެތެރެކުރާ ފަރާތްތަކުން އަބަދުވެސް ބޭނުންކުރާ އުކުޅެކެވެ.

ފުލުހުން ހާމަކުރި ގޮތުގައި، މަރުވި މީހާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އިތުރު ދެ މީހަކާ އެކުއެވެ. އެ މީހުން ފުރަތަމަ ކ. މާފުށީގައި އުޅުމަށްފަހު ހުޅުމާލޭގެ ގެސްޓްހައުސްއަށް ޗެކިން ވީ އޭގެ ދެ ދުވަސް ފަހުންނެވެ. ނަމަވެސް، އޭނާއާ އެކު ރާއްޖެ އައި ދެ މީހުން ހަމަ އެދުވަހު ރާއްޖެ ދޫކޮށް ފިލައިގެން ގޮސްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފައެވެ. މިކަމުގެ ސަބަބުން މި މައްސަލައިގައި އިތުރު ފަރާތްތަކެއް ހިމެނޭ ކަމުގެ ޝައްކު ބޮޑުވެއެވެ.

މި މައްސަލަ މިހާރު ވެސް ތަހުގީގު ކުރަމުންދާތީ، މައުލޫމާތުތައް ހާމަކުރުން ލަސްކުރީ މައްސަލާގައި ހިމެނޭ މީހުން ދެނެގަތުމަށާއި ގުޅުންހުރި އިތުރު މީހުން ހޯދުމަށް ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ވަނީ މިފަދަ މައްސަލަތަކާ ގުޅޭގޮތުން ދޮގު މައުލޫމާތު ނުފެތުރުމަށާއި، ތަހުގީގަށް އެއްބާރުލުން ދިނުމަށް އާންމުންގެ ކިބައިން އެދިފައެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *