Tuesday, 28 July 2026

ޒަކާތުގެ ނިޒާމު ހަރުދަނާކުރުމުގެ ބިލު ރައީސް މުއިއްޒު ތަސްދީގު ކުރައްވައިފި

ރާއްޖޭގެ ޒަކާތުގެ ނިޒާމު ހަރުދަނާކޮށް، އިސްލާމްދީނުގައި ޒަކާތް ޝަރުޢު ކުރައްވާފައިވާ މަޤްޞަދުތައް ޙާޞިލުކުރުމަށް އެކުލަވާލި ޒަކާތުގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަސްދީޤު ކުރައްވައިފި އެވެ.

މި ބިލަކީ، ރާއްޖޭގައި ޒަކާތް ދެއްކުމާއި ބަލައިގަތުމުގެ އިތުރުން، ޒަކާތުގެ ގޮތުގައި ލިބޭ މުދަލާއި ފައިސާ ބެހުމުގެ ކަންކަން ހިންގައި ބެލެހެއްޓުން ހަރުދަނާކުރުމަށްޓަކައި ޤާނޫނީ އޮނިގަނޑެއް ޤާއިމުކުރުމުގެ މަޤްޞަދުގައި އެކުލަވާލެވުނު ބިލެކެވެ. މި ބިލު ރައްޔިތުންގެ މަޖިލީހުން ފާސްކުރީ މި މަހުގެ 3 ވަނަ ދުވަހު ބޭއްވި މި އަހަރުގެ ތިންވަނަ ދައުރުގެ 28 ވަނަ ޖަލްސާގަ އެވެ.

މި ޤާނޫނަށް ޢަމަލުކުރަން ފެށުމާއެކު، ޒަކާތުގެ ގޮތުގައި ލިބޭ ފައިސާ އަމާނާތްތެރިކަމާއެކު ބަލަހައްޓައި، އެ ފައިސާ ޒަކާތުގެ ބެހެނިވެރިންނަށާއި ބޭނުންތަކަށް ދޫކުރުމަށް، އަދި އެ ފައިސާއިން އިސްލާމީ ޝަރީޢާ ހުއްދަކުރާ ގޮތުގެމަތިން އިންވެސްޓްކޮށް، ރަނގަޅު ފައިދާއެއް ހޯދައިދިނުމަށްޓަކައި "ޒަކާތު ފަންޑު" ގެ ނަމުގައި ފަންޑެއް އުފެދިގެންދާނެ އެވެ. މި ފަންޑު ބަލަހައްޓާނީ މާލިއްޔަތާ ބެހޭ ވުޒާރާއިން ކަނޑައަޅާ ގޮތެއްގެ މަތީން، ޕަބްލިކް ބޭންކް އެކައުންޓާ ވަކިން، މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) ގައި ޤާއިމުކުރެވޭ ވަކި އެކައުންޓެއްގަ އެވެ. ޒަކާތު ފަންޑުގެ ކަސްޓޯޑިއަންއެއްގެ ގޮތުގައި މަސައްކަތް ކުރާނީ އެމްއެމްއޭއިންނެވެ. މި ޤާނޫނުގެ ދަށުން މި ފަންޑު އުފެދުމާއެކު، ކުރިން ޤާއިމުކޮށް ހިންގަމުން އައި "ޒަކާތު ފަންޑު" އެ ފަންޑުގައިވާ އެންމެހައި ފައިސާއާއެކު، މި ބިލުގައި ބަޔާންކުރާ ފަންޑަށް ބަދަލުވީ އެވެ.

މި ޤާނޫނުގެ ދަށުން، ރާއްޖޭގައި ޒަކާތް ނެގުމާއި ބެހުމާ ގުޅޭ ޤައުމީ ސިޔާސަތު ކަނޑައަޅުއްވާނީ، އިސްލާމްދީނާގުޅޭ ކަންކަން ހިންގައި ބެލެހެއްޓުމުގެ ޒިންމާ ޙަވާލުކޮށްފައިވާ ސަރުކާރުގެ ވުޒާރާގެ ވަޒީރުގެ ލަފާފުޅާއެކު، ރައީސުލްޖުމްހޫރިއްޔާ އެވެ. އަދި، ރާއްޖޭގެ ޒަކާތުގެ ނިޒާމު ހިންގައި ބެލެހެއްޓުމުގައި މިނިސްޓަރަށާއި ޒަކާތު ހައުސްއަށް ލަފާ ދިނުމަށާއި، އެ ނިޒާމުގެ ހިންގުން ވިލަރެސްކުރުމަށްޓަކައި "ޒަކާތު ކައުންސިލް" ގެ ނަމުގައި ކައުންސިލެއް ރައީސުލްޖުމްހޫރިއްޔާ އެކުލަވާލަންވާނެ ކަމަށް ބަޔާންކޮށްފައިވެ އެވެ.

ޒަކާތުގެ ނިޒާމު އެކުލަވައިލައި ހިންގުމާގުޅޭ ކަންކަމުގައި ޤާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ޝަރުޢީ ލަފަޔާއި އިރުޝާދު ދިނުމަށްޓަކައި، ރައީސުލްޖުމްހޫރިއްޔާ އެކުލަވާލާ ޝަރީޢާ އެޑްވައިޒަރީ ކޮމިޓީއަކުން ވެސް މަސައްކަތް ކުރާނެ އެވެ.

ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީޤުކުރެއްވުމާއެކު، އެ ޤާނޫނު ސަރުކާރުގެ ގެޒެޓުގައި މިއަދު ވަނީ ޝާއިޢުކުރައްވައިފަ އެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ އަންނަ މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ.

ހިޔާލު ފާޅުކުރައްވާ!

ހިޔާލު ދެއްވާ!

Your email address will not be published. Required fields are marked *